ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފަރާތުން ނ.ހޮޅުދޫގައި މަސްކެނޑުމަށް ޚާއްސަތަނެއް ހަދައިދީފިއެވެ.

ބީއެމްއެލްގެ "ކޮމިޔުނިޓީ ފަންޑް"ގެ ފަރާތުން ހަދާދީފައިވާ މި މަސްކަނޑާތަން ހަދާފައިވަނީ މަހެއްގެ ފަރުމާއަށެވެ. މިތަނަކީ ހޮޅުދޫ މަސްވެރިންގެ އިތުރުން، އެ ރަށުގެ ޢާންމު ރައްޔިތުންނަށްވެސް މަސްކެނޑޭނެހެން ހަދާފައިވާ ތަނެކެވެ.

Ad
rt

މި ތަނުން މަސްކަނޑަން ބޭނުންވާ ފަރާތްތަކަށް ރޭގަނޑު މަސްކެޑޭނެހެންވަނީ ލައިޓު ހަރުކޮށްދީފައެވެ. އަދި އެއްފަހަރާ8 މީހުންނަށް މަސްކަނޑަން ހުރެވޭއިރު، ރީތިފެން އިސްކުރުވެސް ވަނީ މިތާނގައި ހަރުކުރެވިފައެވެ. އަދި އެއްޗެހި ރައްކާކުރެވޭފަދަ ގުދަނެއްވެސް ވަނީ މިތަނުގައި ޤާއިމުކޮށްފައެވެ.
ކޮމިޔުނިޓީ ފަންޑަށް ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން މިއީ ވަރަށް ތަފާތު ހުށަހެޅުމެއް ކަމުގައި ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސަޢީދުވަނީ ވިދާޅުވެފައެވެ.

"ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގޭ ޕްރޮޖެކްޓް ތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށާއި ރަށްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް. މި ފުރުސަތުގައި މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން."

ސައީދު ވިދާޅުވިއެވެ.

އެ ރަށުގެ ރައްޔިތުން މަޢުލޫމާތު ދޭ ގޮތުގައި، މީގެ ކުރިން، އެ ރަށުގެ ރައްޔިތުން މަސްކަނޑަމުން އައީ ބަނދަރުމަތީގައި ހުރި މޭޒެއްގައެވެ. އަދި އޭރު އެ ރަށުގެ ރައްޔިތުންނަށް މަސްކެނޑުމުގައި ވަނީ ގިނަ ގުނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، މި މަސްކަނޑާތަން ހުޅުވާލުމާއި އެކު، އެ ރަށުގެ ރައްޔިތުންނަށް މި ވަނީ ގިނަ ގުނަ ލުއިތަކެއް ލިބިގެންގޮސްފައެވެ. އަދި އެ ރަށުގެ ރައްޔިތުން ބުނާ ގޮތުގައި މިއީ ވަރަށްވެސް އުފާވެރި ދުވަހެކެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދާ ކޮމިޔުނިޓީ ފަންޑްގެ ފަރާތުން ލިބޭ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް އަންނަނީ އެ ބޭންކުގެ ފަރާތުން އެހީ ފޯރުކޮށްދެމުންނެވެ. މި އަހަރުގެ މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުން ވަނީ 3 ފިޔަވައްސަކަށް ބަހާލާފައެވެ. އެ ގޮތުން މިހާތަނަށް މި އަހަރު 2 ފިޔަވަހި ނިމިފައިވާ އިރު، 3 ވަނަ ފިޔަވައްސަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.