ސަރުކާރުން އަންނަ ނޮވެމްބަރު މަހުގެ އެގާރާގައި ރަސްމީކޮށް ހޯރަފުށީ އެއާރޕޯޓް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، އެ މަސައްކަތް އެމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް އެމްޓީސީސީއިން މަސައްކަތް ކުރަމުން އަނަން ކަމުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ހޯރަފުށީ އެއާރޕޯޓްގެ ރަންވޭއާއި ފްލައިޓް ޕާކިން އޭރިއާ(އޭޕްރަން)ގެ ހުރިހާ މަސައްކަތްތަކެއްހެން މިހާރު ގާތްގަނޑަކަށް ނިމުމަކަށް ގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތެވެ.
ހޯރަފުށި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއިން ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 35 ހެކްޓަރުގެ ބިން ހިއްކައި ގޮންޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. ދެވަނަ ފިޔަވަހީގައި ހިމެނިގެން ކުރިއަށް ދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފަޔަރ ބިލްޑިންގްއާއި ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތްތަކެވެ.
ހޯރަފުށީ އެއާޕޯޓް މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ހޯރަފުއްޓަށް ޒިޔާރަތްކުރައްވައިފައެވެ.
ހޯރަފުށި އެއާޕޯޓަކީ އެއްވެސް ހުއްޓުމެއް ނެތި އެމްޓީސީސީން މަސައްކަތްތައް ކުރިއަށް ގެންދާ ފުރަތަމަ އެއާޕޯޓެވެ. އެ އެއާޕޯޓުގެ ރަންވޭއަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ.
ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!