ހަނިމާދޫ ސްކޫލުން އިންތިޒާމް ކޮށްގެން އެ ސްކޫލްގެ ދަރިވަރުންގެ މެދުގައި ބޭއްވުނު "ހަނިމާދޫ ސްކޫލް އޮންލައިން ޤުރުއާން މުބާރާތް 2020 " ގެ ނަތީޖާ ފާޅުކޮށްފިއެވެ.
ދަރިވަރުންގެ ހިތުގައި ޤުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ ހަމަތަކަށް ޤުރުއާން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމުގެ ރޫޙް އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި މުބާރާތުގެ ޖުމްލަ 67 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ 22 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހުގެ ރޭ ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައެވެ. ހަތަރު ކީ ސްޓޭޖަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި މުބާރާތުގައި ކޮންމެ ކީ ސްޓޭޖެއްވަކިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާފައިވެއެވެ. އަދި މުޅި މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ވެސް ހޮވާފައިވެއެވެ.
ކީސްޓޭޖް އެކަކުން އެއްވަނަ އައްޔޫބު އަބްދުﷲ ރަޝީދު ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ އަޝްބާ އަބްދުﷲ ރަޝީދެވެ. އެބައިން ތިންވަނަ ހޯދާފައިވަނީ މުޙައްމަދު އީމާން ހުސައިންނެވެ.
ކީސްޓޭޖް ދެޔަކުން އެއްވަނަ ހޯދާފައިވަނީ އާޔަން އިބްރާހީމް ސަވާދެވެ. ދެވަނަ ޝާޔާ އަޙްމަދު ރައޫފް ހޯދިއިރު ތިންވަނަ ހޯދާފައިވަނީ އީމާ އަޝްރަފެވެ.
ކީސްޓޭޖް ތިނަކުން އެއްވަނަ މަރިޔަމް އިބާ ހޯދިއިރު ދެވަނަ ހޯދާފައިވަނީ ޙިދާޔާ މުޙައްމަދެވެ. ތިންވަނައަށް ދެ ދަރިވަރަކުވަނީ ހޮވިފައެވެ. އެއީ ޝަރާ މުޙައްމަދު ރާޟީ އަދި ޒަހާ ޖައުފަރެވެ.
ކީ ސްޓޭޖް ހަތަރަކުން އެއްވަނަ ހޯދާފައިވަނީ ފާޠިމަތު ފަރަހައެވެ. ދެވަނަ ދެ ދަރިވަރަކު ހޯދާފައިވެއެވެ. އެއީ އައިމިނަތު ހަނާން ހުސައިން އަދި އަޙްމަދު މާޒިންއެވެ. ތިންވަނަ ހޯދާފައިވަނީ އައިޝަތު މައިޝާއެވެ.
މުޅިމުބާރާތުން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޖުމްލަ ތިން ދަރިވަރުން ވަނީ ހޮވިފައެވެ. އެއީ މަރިޔަމް އިބާ، ފާޠިމަތު ފަރަހަ އަދި އާޔަން އިބްރާހީމް ސަވާދެވެ. މުޅިމުބާރާތުން ދެވަނަ ޙިދާޔާ މުޙައްމަދު ހޯދާފައިވާއިރު މުޅިމުބާރާތުން ތިންވަނަ ހޯދާފައިވަނީ އައްޔޫބް އަބްދުﷲ ރަޝީދެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މުޙްސިން އަބްދުއްލަޠީފު ވިދާޅުވެފައިވަނީ ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމަކީ އިސްލާމް ދީނުގައި މަތިވެރި ދަރުމަ ހުރި ކަންކަން ކަމަށެވެ. މީގެއިތުރުން ޕްރިންސިޕްވަނީ ދަރިވަރުންނަށް ޤުރުއާން އުނގެނި އެ ފޮތް ގިނައިން ކިޔެވުމަށް ނަޞޭހަތްތެރިވެފައެވެ. މީގެ އިތުރުން މި މުބާރާތް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޕްރިންސިޕަލްވަނީ ޝުކުރު ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި މުބާރާތާއި ގުޅޭގޮތުން މުބާރާތުގެ ފަނޑިޔާރުންގެ ތެރެއިން ވާހަކަފުޅު ދައްކަވާފައިވަނީ އަލްޤާރީ ނިޝާންދު ހުސައިންއެވެ. ނިޝާންދުވަނީ ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
މިއީ ހަނިމާދޫ ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި ފުރަތަމަ އޮންލައިން ޤުރުއާން މުބާރާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!