ހދ. ނޭކުރެންދޫގައި ގާއިމުކުރަން ނިންމަވާފައިވާ ޖަލަކީ ސަރުކާރުގެ ޕްރިޒަން ރިފޯމްގެ އެޖެންޑާގައި ހިމެނޭ ބޮޑު މަޝްރޫއެއް ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ނިންމާފައިވާ ޖަލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް، ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އިއްޔެ އޮތް މަޖިލިސްގެ، 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާޖަލްސާގައި ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުންނެވެ.
މެންބަރު ރާޢީ މިނިސްޓަރު އިމްރާނާއި ކުރުމަށް ފޮނުއްވާފައިވާ އެ ސުވާލާއި ގުޅިގެން ޖަވާބުދާރީ ވެވަޑައިގަތުމަށް މިނިސްޓަރު އިމްރާން އިއްޔެ ވަނީ މަޖިލިސް ޖަލްސާއަށް ހާޟިރުވެ ވަޑައިގެންފައި އެވެ. އެ ޖަލްސާގައި ރާއީ ވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ފެށުމަށް 17 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނިފައިވާތީ، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް ސުވާލު ކުރަށްވާފައި އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ޖަލަކީ، މުޅި ޕްރިޒަން ރިފޯމްގެ އެޖެންޑާގެ ތެރެއިން ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަން ގަސްތުކުރައްވާފައިވާ ބޮޑު މަޝްރޫއެއް ކަމަށެވެ.
''އެހެންކަމުން، މި އަހަރުގެ ބަޖެޓަށް ތި ވިދާޅުވިހެން، ސަތާރަ މިލިއަން ހަތަރު ލައްކަ ރުފިޔާ ކަނޑައެޅި، އެ މަސައްކަތް ފެށުމަށް ރައީސް އޮފީހުން ހޯމް މިނިސްޓްރީއާ 19 ޖެނުއަރީގައި ހަވާލުކުރި. އާދެ! އަޅުގަނޑުމެން ރައީސް އޮފީހުގެ އެ ނިންމެވުމާ ގުޅިގެން ޝެޑިއުލެއްގެ ތެރެއިން މި އަހަރަށް ކަނޑައެޅިފައިވާ މަސައްކަތް ކުރުމަށް ރާވައި ކުރިއަށް ގެންދިޔައިން. އެގޮތުން، 17 މާރިޗުގައި އީ.އައި.އޭ އަދި އެސް.އައި.އޭ ހެދުމަށް އިޢުލާންކުރިން. އެހެންނަމަވެސް، އެ މަސައްކަތް މުޅިން ހަވާލުކުރުމުގެ މަރުޙަލާއަށް ވެސް ނުދަނީސް ލޮކްޑައުނަށް ގޮސް މުޅި މަސައްކަތް ހުއްޓިގެންދިޔަ''
މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޭގެފަހުން 23 ޖުލައިގައި އަނެއްކާވެސް ފިނޭންސް މިނިސްޓްރީން މުޅި ދައުލަތުގެ ބަޖެޓު ރިވިއުކުރުމުގެ ތެރެއިން ހޯމް މިނިސްޓްރީއަށް ކަނޑައެޅިފައިވާ ބަޖެޓު ވެސް ރިވިއުކުރައްވައި، ނޭކުރެންދޫ ޖަލުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން އެއް ލައްކަ ފަންސާސް ހާސް ރުފިޔާ ނޫން ހުރިހާ ފައިސާއެއް ވަނީ ގެންދަވާފައި ކަމަށެވެ.
''އޭގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ވާނީ، އީ.އައި.އޭއާއި އަދި އެސް.އައި.އޭ ހެދުމަށް އިޢުލާންކޮށްފައި. އަޅުގަނޑު ހިތުން އެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ. އެހެންކަމުން، އަޅުގަނޑު އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އެ ދެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް. އާދެ! އެއަށްފަހު މިއަންނަ އަހަރަށް ދައުލަތުގެ ޕްރޮޖެކްޓުތައް ޕްރިއޮރަލައިޒްކުރުމުގެ މަޝްވަރާތަކުގެ ތެރެއިން، ރައީސް އޮފީހާ އެކުގައި ކުރެވުނު މަޝްވަރާގައި ވަނީ އަޅުގަނޑުމެން މި ޕްރޮޖެކްޓުގެ މުހިންމުކަމުގެ ވާހަކަދައްކާ. އަދި ރައީސް އޮފީހުން ވެސް ވަނީ މިކަމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައި''
މިނިސްޓަރު ވިދާޅުވިއެވެ.
އުއްމީދުކުރަށްވަނީ މި އަންނަ އަހަރު އެ މަސައްކަތް ކޮންމެވެސް ގޮތަކުން ފެއްޓެވޭނެ މަގެއް ރައީސުލްޖުމްހޫރިއްޔާ ދައްކަވާނެ ކަމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''އަޅުގަނޑު އެދެނީ، މަކުނުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވެސް ހަމަ އެދިވަޑައިގެންނެވި ފަދައިން، މި ޕްރޮޖެކްޓް އަވަހަށް ގެންގޮސް ނިންމައި، އަޅުގަނޑުމެންނަށް ޕްރިޒަންގެ ދިވެހިރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމު ރިފޯމްކޮށް ހަރުދަނާކުރުމަށް މި ކުރާ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމަކަށް މި ޖަލުގެ ކަންތައްތައްވާނެ ކަމަށް''
މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ހދ. ނޭކުރެންދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޖަލު ހަދާ ސަރަހައްދުގެ އި.އައި.އޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓާ، އެސް. އައި.އޭ (ސޯޝަލް އިންޕެކްޓް އެސެސްމެންޓް) ހައްދަވައިދެއްވާނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން މިއަހަރުގެ ތެރޭގައި ވަނީ މިހާތަނަށް 3 ފަހަރަކު ބީލަމަށް ވެސް ހުޅުވާލާފައި އެވެ.
މިގޮތުން އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 16 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ވެސް ވަނީ ހުޅުވާލާފަ އެވެ. އަދި ތިންވަނަ ފަހަރަކަށް ވަނީ އޮކްޓޯބަރ ު13 ވަނަ ދުވަހު މިކަމަށް ހުޅުވާލައިފައެވެ.
ނޭކުރެންދޫ ޖަލުގެ މަޝްރޫޢޫ ހަޤީޤަތަކަށް ހެއްދެވުމަށް ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން މެންބަރު ރާޢީ މިހާތަނަށް ވަނީ ގިނަ މަސައްކަތް ތަކެއް ކުރަށްވާފައި ކަން ފާހަގަ ކޮށްލެވެއެވެ.
ގާތްގަނޑަކަށް 260 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ޖަލު މަޝްރޫއު ލަސްވެގެން، ނޭކުރެންދޫ ކައުންސިލުން އެކި ފަހަރު މަތިން ވަނީ މާލެ އައިސް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ވެސް ކޮށްފަ އެވެ. ރައީސް ޔާމިނުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ވަނީ މިޖަލު ނޭޅޫމަށްވެސް ނިންމާފައެވެ. ޖަލު ނޭޅޫމަށް ނިންމާފައި ވަނީ މާފުށީ ޖަލުގައި މި ވަގުތު ޖާގައިގެ މާ ބޮޑު ދަތިކަމެއް ނެތުމާއި އާ ޖަލެއް ހަދާ ނަމަ އެކަމަށް އިތުރު ހަރަދު ހިނގާނެ ކަމަށް ބަލާފައި ކަމަށް ނޭކުރެންދޫ ކައުންސިލުން ބުނެފައިވެއެވެ.
ނޭކުރެންދޫގައި ޖަލެއް އަޅުއްވައިދެއްވާނޭ ކަމަށް ފުރަތަމަ ވަޢުދުވީ 2011 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ނޭކުރެންދުއަށް ކުރެއްވި ޒިޔާރަތުގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދެވެ. އޭގެ ފަހުން މިއަދާއި ހަމައަށް އެ ރަށުގެ ރަށްޔިތުން ތިބީ އެ ޖަލުގެ އިންތިޒާރުގައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!