ޤަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވުމަށްޓަކައި ދެކުނު އެމެރިކާ ޒޯންގައި ހިމެނޭ 10 ޤައުމުގެ މެދުގައި ބާއްވާ ކޮލިފައިންގެ މެޗްތައް ފަށާފާވާއިރު ބުދަ ދުވަހު ކުޅުނު މެޗުތައް ބްރެޒިލް އަދި އާޖެންޓީނާވެސް ކާމިޔާބުކޮށްފިއެވެ.

ބްރެޒިލް އަދި ޕެރޫ ބައްދަލުކުރި މެޗް ބްރެޒިލް ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޕީއެސްޖީގެ ތަރި ނޭމާ ވަނީ ބްރެޒިލްއަށް ހެޓްރިކް ހަދާފައެވެ.

Ad
rt

މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ޕެރޫއިންނެވެ. މެޗްގެ ހަވަނަ މިނިޓްގައި ޕެރޫގެ އެންދްރޭ ކަރީލޯ ޕެރޫއަށް ލީޑު ނަގއިދީފައި ވަނިކޮށް މެޗްގެ 28 ވަނަ މިނިޓްގައި ބްރެޒިލްއަށް ލިބުނު ޕެނެލްޓީއަކުން ނޭމާ ވަނީ ނަތީޖާ ހަމަހަކޮށްދީފައެވެ. މުޗުގެ ފުރތަމަ ހާފްގެ ކުޅުން ނިމުނީ 1-1ން ދެޓީމް އެއްވަރެއްގައި އޮވެގެންނެވެ.

މެޗްގެ 59 ވަނަ މިނިޓްގައި ރެނާޓޯވަނީ ޕެރޫއަށް ދެވަނަ ފަހަރަށް ލީޑުނަގައިދީފައެވެ. ނަމަވެސް ޕެރޫން ދެވަނަ ފަހަރަށް ލީޑު ނެގިތާ ފަސް މިނިޓް ފަހުން އެވަޓަންއަށް ކުޅެމުންއަންނަ ރިޗާލްސަން ވަނީ ބްރެޒިލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗްގައި ބްރޒިލްއަށް ކުރި ލިބުނީ މެޗުގެ 83 ވަނަ މިނިޓްގައި ނޭމާ ކާމިޔާބުކޮށްދިން ޕެނެލްޓީންނެވެ. މެޗުގެ ފަހުގޯލް އަދި ނޭމާގެ ހެޓްރިކް ފުރިހަމަކުރީ މެޗްގެ ފަހުމިނިޓްގައެވެ.

މިމެޗްގައި ފަހު ދިހަ މިނިޓްތެރޭގައި ޕެރޫގެ ދެކުޅުންތެރިއަކަށް ވަނީ ގާތް ގާތުގައި ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުގެ ސަބަބުން ޕެރޫން މެޗް ނިންމާލީ ނުވަ ކުޅުންތެރިންނާއިއެކުއެވެ.

ދެކުނު އެމެރިކާ ޒޯންގައި ހިމެނޭ އާޖެންޓީނާ ކުޅުނު ދެވަނަ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ބޮލީވިއާއާއި ދެކޮޅަށް ކުޅެ އާޖެންޓީނާއިން މެޗް ކާމިޔާބުކުރީ ފަހަތުން އަރާ 2-1ގެ ނަތީޖާއަކުންނެވެ. ބޮލީވިއާގެ މާސެލޯ މޮރޭނޯ މެޗްގެ 24 ވަނަ މިނިޓްގައި ބްލީވިއާއަށް ކުރި ހޯދައިދީފައި ވަނިކޮށް އާޖެންނޓީނާގެ މާޓިނޭޒް ވަނީ ފުރަތަމަ ހާފެ ފަހު މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. އާޖެންޓީނާއަށް މެޗުން ތިން ޕޮއިންޓް ކަށަވަރުވީ މެޗުގެ 79 ވަނަ މިނިޓްގައި ޖޯކުއިން ކާމިޔާބުކޮށްދިން ގޯލުންނެވެ. ބްރެޒިލް އަދި އާޖެންޓީނާ ވަނީ ދެކުނު އެމެރިކާ ޒޯންގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.

ދެކުނު އެމެރިކާ ޒޯންގައި ބުދަދުވަހު ކުޅުނު އެހެން މެޗްތަކަށް ބަލާއިރު އިކުއެޑޯ ވަނީ 4-2 ން އުރުގުއޭ ބަލިކޮށްފައެވެ. ވެނިޒުއޭލާ އަދި ޕެރުގުއޭ ބައްދަލުކުރި މެޗުން 1-0 ން ޕެރަގުއޭ ކާމިޔާބުކުރި އިރު ޗިލީ އަދި ކޮލަމްބިއާ ބައްދަލުކުރި މެޗް ނިމުނީ 2-2ން އެއްވަރުވެގެންނެވެ.