ހދ. ނޭކުރެންދޫ ކައުންސިލުން އެރަށުގައި ހުންނަ ނޭކުރެންދޫ ސްކޫލަށް ''ތްރީ އޮން ތްރީ'' ފުޓުބޯޅަ ދަނޑެއް ހަދިޔާ ކޮށްފިއެވެ.

ނޭކުރެންދޫ ސްކޫލްގެ ގޯތިތެރޭގައި ހަދާފައިވާ އެ ދަނޑު ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދަނޑު ސްކޫލާއި ހަވާލުކޮށް ދެއްވީ ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް އެވެ. ނޭކުރެންދޫ ސްކޫލްގެ ފަރާތުން އެ ދަނޑާއި ހަވާލުވީ އެ ސްކޫލްގެ ޕްރިންސިޕަލެވެ.

Ad
rt

ނޭކުރެންދޫ ކައުންސިލުން ޚަރަދުކޮށްގެން ހެދި އެދަނޑުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވެދެއްވި އެހީތެރިކަން ފާހަގަ ކުރަށްވާ ކަމަށް ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް ''ތިލަދުން''އަށް ވިދާޅުވިއެވެ.

''މި މަސައްކަތް ފުރިހަމަ ކުރުމަށް މެންބަރު ރާޢީ ވެދެއްވި އެހީތެރިކަން ޝުކުރުވެރި ކަމާއިއެކު ފާހަގަކޮށްލަން، އަދި މި މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލުމުގައި ކައުންސިލްގެ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެ މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް ދަންނަވާލަން ބޭނުން''

ޢަލީ އާދަމް ވިދާޅުވިއެވެ.

ނޭކުރެންދޫ ކައުންސިލުން ތަރައްޤީކުރި ދަނޑު ސްކޫލާއި ހަވާލު ކުރަނީ، ފޮޓޯ: ނޭކުރެންދޫ ކައުންސިލް

އަލީ ވިދާޅުވީ އެ ދަނޑު ހެދުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ކޮށްފައި ވަނީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. އަދި އެ 25 ފޫޓު 40 ފޫޓްގެ އެ ދަނޑުގައި ޓާފްވެސް އެޅިފައިވާނެ ކަމަށް ޢަލީ ފާހަގަ ކުރެއްވިއެވެ.

''ސްކޫލްގެ ދަރިވަރުން ކުޅެން ދާން މިޖެހެނީ އުމުރާ ނުގުޅޭ ކުދިން ކުޅެންދާ ދަނޑަކަށް، އެކަމުގެ ސަބަބުން އެކުދިންނަށް އަޑު ނީވެންވާ ވާހަކަތައް، ބަސްތައް އިވޭ ފަހަރު އާދޭ، މި ހެދުނު ދަނޑުގެ ސަބަބުން އެކުދީންނަށް ވަކީން ސްކޫލް ގޯތިތެރޭގައި ކުޅުމުގެ ފުރުޞަތު ތަނަވަސް ވެގެން ދާނެ''

ޢަލީ އާދަމް ވިދާޅުވިއެވެ.

ނޭކުރެންދޫ ކައުންސިލުން، ނޭކުރެންދޫ ސްކޫލްގެ ގޯތިތެރޭގައި ތަރައްޤީކޮށް ދީފައިވާ ދަނޑު، ފޮޓޯ: ނޭކުރެންދޫ ކައުންސިލް

ޢަލީ ވިދާޅުވީ ނޭކުރެންދޫ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަށްވަނީ ރަށުގައި ހުރި މައްސަލަތައް ހައްލުކޮށް، ރަށުގެ ދުޅަހެޔޮކަމާއި، ހަމަޖެހުމަށް ކަމަށެވެ. އަދި ރަށުގެ އެހެން މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދީ ރަށުގައި ހެޔޮލަފާ ޖީލެއް ބިނާ ކުރުމަކީ އެ ކައުންސިލްގެ އަމާޒުކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.

ނޭކުރެންދޫ ކައުންސިލަކީ ވަރަށް ހަރަކާތްތެރި ކައުންސިލެކެވެ. އެކައުންސިލުން ދަނީ އެރަށުގެ ކަނޑޫފާ މަރުވަމުންދާ މައްސަލާގައިވެސް އެ ކަނޑޫފާ ސަލާމަތް ކުރުމަށް އިސްނަގައި، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނޭކުރެންދޫ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފަލެވެ.