ހއ. އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަށާއި، އުތީމުގެ ދުޅަހެޔޮކަމަށް ގުޅިގެން މަސައްކަތް ކުރުމަށް ''އުތުރު ސްޕޯޓްސް ކްލަބު''ގެ ނަމުގައި އައު ކްލަބެއް އުފަށްދައިފިއެވެ.
''އުތުރު ސްޕޯޓްސް ކްލަބު'' ރަޖިސްޓަރީ ކޮށްފައި ވަނީ 6 އޮކްޓޫބަރ 2020 ގައި އެވެ. މިކްލަބް ރަޖިސްޓަރީ ކުރެވުނު އިރު މިކްލަބްގައި 58 މެންބަރުން ތިބިކަމަށް އެ ކްލަބްގެ ފުރަތަމަ ރައީސް އަޙްމަދު ޞަބާޙް ބުންޏެވެ.
އުތީމު ''އުތުރު ސްޕޯޓްސް ކްލަބު''ގެ ރައީސް އަޙްމަދު ޞަބާޙް ''ތިލަދުން''އަށް ބުނީ އެ ކްލަބަކީ އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަށާއި، އެރަށުގެ އިޖްތިމާއީ، ސަޤާފީ، ދީނީ ރޫޙް އާލާކޮށް ދިރުވައި އަދި އުތީމުގައި އެކުވެރިކަން އާލާކުރުމަށް އުފެއްދި ކްލަބެއް ކަމަށެވެ.
މީގެއިތުރުން އެ ކްލަބް އުފެއްދި މަޤްޞަދުތަކުގެ ތެރޭގައި އުތީމުގައި ކުޅިވަރު އާލާކޮށް އެހެނިހެން ޖަމާޢަތްތަކާއި ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށް ވެސް ޞަބާޙް ބުންޏެވެ.
''އަޅުގަނޑުމެންގެ ކުލަބަކީ އުތީމުގެ ތަރައްޤީއަށާއި ކުޅިވަރުގެ ދާއިރާއާއި، ދީނީ ރޫހް އާލާކުރުމަށް އުތީމު ކައުންސިލާއި ކުލަބް ޖަމުއިއްޔާތަކާއި ގުޅިގެން މަސައްކަތް ކޮއްދޭނެ ކުލަބެއް. މި ފުރުސަތުގައި ކުލަބް އުފައްދާ ހިންގުމައްޓަކައި އެހީތެރިވި ފަރާތްތަކާއި ކުލަބްގެ އާންމު މެންބަރުން ދެއްވާ އެއްބާރުލުމަށް ނިހާޔަތައް ޝުކުރު ދަންނަވަން''
ޞަބާޙް ބުންޏެވެ.
އުތީމުގައި މުޅިން އައު ކްލަބެއް އުފެދި ހަރަކާތްތެރިވާން ފެށުމާއި ގުޅިގެން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ ރަށުގެ ކުރިއެރުމަށާއި، ތަރައްޤީއަށް ރަށުގެ ޒުވާނުން ތަކެއް އިސްނަގައިގެން މިފަދަ މަސައްކަތެއް ފެށީތީ އުފާކުރަށްވާ ކަމަށާއި، އެ ކްލަބްގެ މެންބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
''އަޅުގަނޑު އަބަދުވެސް ފާހަގަ ކުރަން މިރަށުގައި މިއޮތް އެކުވެރިކަމާއި އެއްބައި ވަންތަކަން، ފެނިގެން މިދަނީ އުތީމު ރަށްޔިތުންގެ ހިތުގައި އުތީމަށްޓަކައި އޮތް ލޯބި، ރަށުގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާތަކާއި، ޖުމްލަ ގޮތެއްގައި މިރަށުގެ ރައްޔިތުންނަށް ރަށަށްޓަކައި ދައްކަވާ ނަމޫނާއަށް ފަށްފަށުން ޝުކުރު ދަންނަވަން''
ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
އުތީމުގައި މުޅިން އަލަށް ހަރަކާތްތެރިވާން ފެށި މި ކްލަބް ''އުތުރު ސްޕޯޓްސް ކްލަބު''ގެ ފަރާތުން މިއަހަރަށް ކުރަން ނިންމާފައިވާ މުހިއްމު ކަންތައް ތަކުގެ ތެރޭގައި، ކުލަބަށް ފައިސާ ހޯދުމައްޓަކާއި ވިޔަފާރިއެއް ފެށުމާއި، ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކައުންސިލާއި، އެހެނިހެން ކުލަބް ޖަމިއްޔާތަކާއި އެކު އެ ދުވަސް
ފާހަގަކުރުމައްޓަކައި މަސައްކަތް ކުރުމާއި އަދި ރަސްމީކޮށް ކުލަބް ހިންގަން ފަށައިގަތުމަށް ކުރާންޖެހޭ ކަންކަން ކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!