ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިން ހާލަތަށް ގެނައި އުތުރުގެ ރަށްތަކުގެ ތެރެއިން ހއ. ދިއްދޫ އަދި ށ. ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފިއެވެ.

މިރަށްތައް މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭގައި އެވެ.

Ad
rt

ހއ. ދިއްދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިއަދު ހަވީރު 17:01 ގައި އެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 21:21 އިން ފެށިގެންނެވެ. އަދި ށ. ފުނަދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިއަދު ހަވީރު 17:15 ގައި އެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 20:19 އިން ފެށިގެންނެވެ.

(އެޗްޕީއޭ) އިން އެރަށްތަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި، އެރަށްތަކުން މޮނިޓަރިންގ އުވާލެވޭ ސަބަބުކަމުގައި ބަޔާންކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

ރޭ އުތުރުގެ 6 ރަށެއް މޮނިޓަރިންއަށް ގެނައުމާއި ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުސް މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދުއްފުށީގެ އިތުރުން މޮނީޓަރިންގެ ޙާލަތަށް ގެންދިޔަ އަނެއް 5 ރަށަށްވެސް ދަތުރުކޮށްފައި ކަމަށް ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ ފުލުސްމީހާ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭ ކުޅުދުއްފުށީ ސިޓީ ހިމެނޭހެން މޮނިޓަރިން ހާލަތަށް ގެނައި އެހެން ރަށްތަކަކީ ހއ. ބާރަށް، ހޯރަފުށި، ދިއްދޫ، ހދ. ކުރިނބީ އަދި ށ. ފުނަދޫ އެވެ.

ދިއްދޫ އާއި ފޮނަދޫ މޮނިޓަރިން ހާލަތުން ނެގުމުން ރޭ އެޗްޕީއޭއީން މޮނިޓަރިން ހާލަތަށްލީ އުތުރުގެ ހުރިހާ ރަށެއް މިހާރު ވަނީ އެހާލަތުން އާންމު ހާލަތަށް ބަދަލުވެފައެވެ.