ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިން ހާލަތަށް ގެނައި އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ.

މި ރަށްތަކަކީ ހއ. ބާރަށް، ހޯރަފުށި، އަދި ހދ. ކުރިނބީ އެވެ. މިރަށްތައް މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭގައި އެވެ.

Ad
rt

އެޗްޕީއޭއިން ވަނީ ކުޅުދުއްފުށީ ސިޓީވެސް މޮނިޓަރިން ހާލަތުން ނަގާފައި އެވެ. އެ ސިޓީ މޮނިޓަރިން ހާލަތުންނެގީ މިއަދު ހަވީރު 17:08 ގައިއެވެ. އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 21:15 އިން ފެށިގެންނެވެ.

ހއ. ބާރަށް މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިއަދު ހަވީރު 16:57 ގައި އެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 21:34 އިން ފެށިގެންނެވެ. އަދި ހއ. ހޯރަފުށި މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިއަދު ހަވީރު 17:05 ގައި އެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 20:39 އިން ފެށިގެންނެވެ.

ހދ. ކުރިނބި މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިއަދު ހަވީރު 17:11 ގައި އެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 21:36 އިން ފެށިގެންނެވެ.

ރޭ އުތުރުގެ 6 ރަށެއް މޮނިޓަރިންއަށް ގެނައުމާއި ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުސް މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދުއްފުށީގެ އިތުރުން މޮނީޓަރިންގެ ޙާލަތަށް ގެންދިޔަ އަނެއް 5 ރަށަށްވެސް ދަތުރުކޮށްފައި ކަމަށް ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

(އެޗްޕީއޭ) އިން އެރަށްތަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި، އެރަށްތަކުން މޮނިޓަރިންގ އުވާލެވޭ ސަބަބުކަމުގައި ބަޔާންކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭ މޮނިޓަރިންނަށްލީ އަނެއް ދެރަށް ކަމަށްވާ ށ. ފޮނަދޫއާއި ހއ. ދިއްދޫ މޮނިޓަރިން ހާލަތުން ނެގިކަން އަދި އަންގާފައި ނުވާކަމަށް އެ ދެރަށުން މަޢުލޫމާތު ދެއްވިއެވެ.