ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީގައި ބަނދަރު ކޮށްފިއެވެ.
އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ.
ކުޅުދުއްދުއްފުށިން ރޭ ކޯވިޑްގެ ދެ ކޭހެއް ފެނުމާއި ގުޅިގެން ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީއަށް މަރުޙަބާ ކިޔުމަށް ކުޅުދުއްފުށީގައި ރާވާފައިވާ ހަރަކާތްތައް ވަނީ ކެންސަލްކޮށްފައެވެ. އަދި އެރަށުން ކޯވިޑް ދެ ކޭސް ފެނުމާއި ގުޅިގެން އެ ރަށަށް މީހުން އަރައިފޭބުން މަނާކޮށް، އެރަށް މިހާރު އޮތީ މޮނިޓަރިން ހާލަތުގައިއެވެ.
މިއަދު ރާއްޖެއައި ފުރަތަމަ ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ޝިޕިންގ ލައިންއިން އިއްޔެ ވަނީ ބުނެފައެވެ.
3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއިން ގެންނަ މުދާ ބޭލުމުގެ ކަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓު، ކޭޕީއެލްގައި ގައިވަނީ ހަމަޖައްސާފައެވެ. ކޭޕީއެލުން ބުނެފައި ވަނީ އެ މަސައްކަތުގައި ކޭޕީއެލްގެ 50 މުވައްޒަފުން ހަރަކާތްތެރި ވާނެ ކަމަށެވެ.
ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން މަޢުލޫމާތު ހާމަކުރަށްވާފައިވާ ގޮތުގައި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށްޓަށް 500 ޓަނުގެ ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނާނެކަމަށެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން ބުނެފައި ވަނީ ކުރިއަށް އޮތް 6 މަސްދުވަހުވެސް ކޮޗިންއާއި-ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާނީ މި ކާގޯ ފެރީކަމަށެވެ.
ކާގޯ ފެރީގެ ޚިދުމަތް ފެށިގެން އަންނައިރު، އިންޑިއާއިން ވަނީ ޚިދުމަތް ސަބްސިޑައިޒްކޮށް 3 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖައްސާފައެވެ.
އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ. އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އަންނަ ފުރަތަމަ ކާގޯ ފެރީ މާދަމާ ރާއްޖެއަށް ފޯރާއިރު، މި ކާގޯ ފެރީއަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީއެކެވެ.
މި ބޯޓުގައި 20 ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައި ވާގޮތުން މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10 ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެކަމަށެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!