ކުޅުދުއްފުށީގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 4 އަހަރުގެ ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ އެރަށުން މިރޭ ފެނުނު ދެވަނަ ކޯވިޑް ކޭހެވެ. މި ފަހަހަރު ކޯވިޑަށް ޕޮޒިޓިވްވި ކުޑަކުއްޖާއަކީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ.

Ad
rt

އެރަށުން މިރޭ ފެނުނު ފުރަތަމަ ކޯވިޑް ކޭހަކީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކައްޕިއެވެ. އޭނާ ޕޮޒިޓިވް ވުމާއިއެކު އެރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެރަށުން މިރޭ ފެނުނު ދެވަނަ ކޯވިޑް ކޭސް ކަމަށްވާ އުމުރުން ހަތަރު އަހަރުގެ ކުއްޖާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ހޯމް ކަރަންޓީން ނިންމަން ހެދި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.

އެ ކުއްޖާއާއެކު ހޯމް ކަރަންޓީނުގައި އެ ކުއްޖާގެ މަންމަ އާއި އަދި ދެ އަހަރުގެ ކުއްޖަކުވެސް ހުއްޓެވެ. އެކަމަކު އެ ދެ މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައި އެވެ. ޕޮޒިޓިވްވީ އަންހެން ކުއްޖެކެވެ.

އެރަށުން ފެނުނު ފުރަތަމަ ކޯވިޑް ކޭހާއި ގުޅިގެން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ، ކުޅުދުއްފުށީ ބޯޓެއްގެ ކުރޫއަކު އަލާމާތްތައް ހުރެގެން ޓެސްޓު ކުރިއިރު ކޯވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. އެއާއިއެކު ޕޮޒިޓިވުވި ކުރޫގެ ކޮންޓެކްޓު ޓުރޭސިން ނިމެންދެން ކުޅުދުއްފުށި ސިޓީ އާއި އަދި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނައި ކުއްޖަކު ވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.