ހޯރަފުށީ ކުރީގެ ބޮޑު ކަތީބު ނަސީރަށް ބަދަލުދޭން ހުކުމްކޮށްފި

ali naseer

ހއ. ހޯރަފުށީ ކުރީގެ ބޮޑު ކަތީބު އަލީ ނަސީރު އާދަމް (ނަސީރުބެ)އެ ރަށު އޮފީހުގެ ބޮޑު ކަތީބުކަމުން، 2010 ވަނަ އަހަރު ވަކިކުރީ، ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އެކަމުގެ ބަދަލުދޭން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަަލައަކީ އަލީ ނަސީރު އާދަމް ބޮޑުކަތީބު ކަމުގެ ވަޒީފާ އަދާކުރަމުން ގެންދަވަނިކޮށް، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އޭރު އަލަށް އުފެއްދި، މަތި އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރު ކަމުގެ މަގާމަށް 11 މެއި 2010 ގައި އޭނާ އައްޔަން ކުރެއްވުމުން، ސިވިލް ސާވިސް މަގާމެއްގެ ގޮތުގައި އޭރު ހަމަޖެހިފައި އޮތް ބޮޑުކަތީބު ކަމުން ވަކި ކުރުމުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ކުރެ، ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުއަށް މައްސަލަ ބެއްލެވި އަނެއް ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝަތު ޝުޖޫން މުޙައްމަދު ވަނީ ތާއީދު ކުރަށްވާފައިއެވެ.

ހައިކޯޓުން އެ މައްސަލަ ނިންމެވި ނިންމެވުން ދައުލަތުގެ ފަރާތުން (ސިވިލް ސަރވިސް ކޮމިޝަން) ސްޕުރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅާފައި ވަނީ 27 ފެބްރުއަރީ 2017 ގައެވެ. އެ މައްސަލަ ސްޕުރީމް ކޯޓުގައި ރަޖިސްޓަރީ ކޮށްދީފައި ވަނީ 12 އޮކްޓޯބަރު 2017 ގައެވެ.

24 ސެޕްޓެމްބަރު 2020 ގައި ސްޕުރީމް ކޯޓުން މިމައްސަލަ ނިންމައި ކުރި ޙުކުމްގެ ތަފްސީލުގައި ބުނެފައިވަނީ، އަލީ ނަސީރު އާދަމް ބޮޑުކަތީބު ކަމުން ވަކިކުރި ކަމަށް އަންގައި ސީއެސްސީން އޭނާއަށް ޗިޓް ފޮނުވީ 20 މެއި 2010 ގައި ކަމަށެވެ. އެޗިޓުގައި އަލީ ނަސީރު އާދަމް ވަޒީފާއިން މުސްކުޅިކޮށް، ވަކިކުރީ އޭނާ އެކަމަށް އެދިގެން ކަމަށް ބުނެފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އަލީ ނަސީރު އާދަމް ބޮޑުކަތީބު ކަމުން ވަކިވުމަށް އެދިފައިވާ ކަމުގެ ހެއްކެއް ސީއެސްސީއަށް ދެއްކިފައި ނުވާ ކަމަށް ފަނޑިޔާރު ޙުސްނުއްސުޢޫދު އެމައްސަލައާއި ގުޅިގެން ނެރުއްވި ރައުޔުގައި ފާހަގަ ކުރަށްވާފައި ވެއެވެ.

އެ ރައުޔުގައި ބުނެފައިވަނީ އަލީ ނަސީރު އާދަމް ބޮޑުކަތީބު ކަމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސީއެސްސީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިކަން އެނގެން އޮތް ކަމަށެވެ. އަދި ސިވިލް ކޯޓުގައި އޭނާ އެދުނީ ވަޒިފާއާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތަށް ނޯޓިސް ނުދީ ވަކިކުރާ ހާލަތުގައި، ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ ފައިސާ އާއި އެއްމެހާ އިނާޔަތްތައް ހޯދުމަށާއި ސީއެސްސީގެ ދަށުން ވަޒީފާ އިން މުސްކުޅި ކުރާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރުހުމުގައި ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާދޭ އިނާޔަތް ހޯދައި ދިނުމަށް ކަމަށެވެ.

އެ ރައުޔުގައި އިތުރަށް ފާހަގަ ކޮށްފައިވާވާ ކަންތައް ތަކުގެ ތެރޭގައި އަލީ ނަސީރު އާދަމް ހުށަހެޅުއްވި އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެ ދައުވާ ސާބިތު ނުވާ ކަމަށް ކަމަށް ބުނެފައި ވެއެވެ. އެކަމާ ގުޅިގެން އޭނާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި ހައިކޯޓުން އަމުރުކުރީ އޭނާއާއި އެއްކޮޅަށެވެ. އެ ކޯޓުން އަމުރުކުރީ އެ މުއްދަތުގައި، މަހުން މަހަށް އޭނާއަށް ދޭންޖެހޭ އިނާޔަތުގެ އިތުރަށް ސީއެސްސީގެ ގަވާއިދުގައި ބުނާ އެއްފަހަރާ ދެވޭ އިނާޔަތް އޭނާއަށް ހައްގުވާ ކަމަށް ކަނޑައަޅައި އެ ފައިސާ ދިނުމަށެވެ.

ހައި ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، އަލީ ނަސީރު އާދަމް މަގާމުން ވަކި ކޮށްފައިވަނީ، ސީއެސްސީއާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފު ވެގެން ކަމަށް ބުނެފައިނުވާތީ އާއި އޭނާ ވަޒީފާއިން ވަކިކުރީ އަމިއްލައަށް އެދިގެން ކަމަށް ސީއެސްސީއަށް ސާބިތުކޮށްދެވިފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާގެ ގާނޫނާއި، ވަޒީފާގެ އެއްބަސްވުމާއި އެއްގޮތަށް ނޫން ކަމަށެވެ.

އެހެންކަމުން ގެއްލުމުގެ ބަދަލު އަލީ ނަސީރު އާދަމް ހައްގުވާ ކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭރު އޭނާއަށް ލިބެމުންދިޔަ މުސާރައިގެ ރޭޓުން 12 މަސް ދުވަހުގެ މުސާރައަށްވާ ފައިސާ އާއި އެއްވަރުގެ ފައިސާގެ އަދަދެއް ނަގައިދިނުމަކީ އަދުލުވެރި ބަދަލެއް ކަމަށް ޙުކުމްގައި ވެއެވެ.

އެގޮތުގެ މަތީން ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ އަދަދު، އެއްފަހަރާ ނަސީރުބެއަށް ދިނުމަށް ސީއެސްސީއަށް އަންގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ތިން ފަނިޔާރުގެ އިއްތިފާހުން ހުކުމްކުރާ ކަމަށް ކަނޑައަޅައި، މިއަދުގެ އިސްފަނޑިޔާރު، ހުސްނުއްސުއޫދު ހުކުމް އިއްވެވި އެވެ.

އަލީ ނަސީރު އާދަމް (ނަސީރުބެ)އަކީ ގިނަ ދުވަސްތަކެއް ވަންދެން ހއ. ހޯރަފުށީ ބޮޑު ކަތީބުކަން ކުރެއްވި ބޭފުޅެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި