ރައްޔިތުންގެ މަޖިލީހުގައި ހއ އަތޮޅުގެ ތަމްސީލް ކުރަށްވަމުންދާ 5 މެންބަރުން ސިލްސިލާކޮށް ބާއްވަމުންގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުމުގައި މި ފަސް މެންބަރުންވެސް ވަނީ ދާއިރާގެ ރަށްތަކުގެ ތިމާވެއްޓަށް ދިމާވެފައިވާ އެތަކެއް މައްސަލަތަކެއްގެ ވާހަކަ މިނިސްޓަރ އަށް ހިއްސާ ކުރަށްވާފަ އެވެ. އަދި މިކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ދެފަރާތުގެ ދެމެދުގައި ވަނީ ވާހަކަދެކެވިފައެވެ.
އެގޮތުން ކުނިމެނޭޖް ކުރުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ރަށްގިރާ މައްސަލައާއި އަދި މިނޫނަސް ތިމާވެއްޓާ ގުޅުންހުރި އެތައް ކަމަކާއި ބެހޭގޮތުން ވަނީ ތަފާތު މަޝްވަރާތައް ކުރެވިފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދު ﷲ ވަޙީދު ވަނީ ދިއްދޫ އަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މިނިސްޓަރގެ އަރިހުން ދަންނަވާފައެވެ. އަދި މީގެ އިތުރުން ދިއްދޫގައި ދެމުންދާ ކުނީގެ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މިކަން ހަވާލުކޮށް، އެ ކުންފުނީގެ އޮފީހެއް އެރަށުގައި ޤާއިމް ކޮށްދިނުމަށްވެސް މިނިސްޓަރ ހުސައިން ރަޝީދުގެ އަރިހުން އިލްތިމާސް ކުރެއްވިއެވެ.
ދިއްދޫއަކީ ފުދޭވަރަކަށް ބޮޑު އިންސައްތައެއް ތެލަށް ބަރޯސާވެފައިވާ ރަށެއްކަން ފާހަގަ ކުރަށްވާ، އެރަށުގައި އިޔާދަކުރުވަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކޮށްފިނަމަ ވާނެ ފައިދާތަކާބެހޭގޮތުންވެސް ވަނީ މަޝްވަރާކުރަށްވާފައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ އެ ދާއިރާގެ އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ އަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަތަކުގެ ވާހަކަތައްވެސް މިނިސްޓަރާ ހިއްސާކުރަށްވާފައިވާނޭކަމަށް ވިދާޅުވެފައެވެ.
ދާއިރާގެ ރަށްތަކުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ވާހަކަތައް ހިއްސާކުރެއްވުމުން، އެ ކަންކަމަށް އެދެވިގެންވާ ޖަވާބެއް މިނިސްޓަރގެ ފަރާތުން ލިބިގެންދިޔަ
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިބައްދަލުވުމާއި ގުޅޭގޮތުން ވިދާޅުވެފައި ވެއެވެ.
ހއ އަތޮޅުން ތިމާވެއްޓާބެހޭ ވަޒީރުގެ އަރިހަށް ކުރި ޒިޔާރަތުގައި ދާއިރާގެ އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫގެ ކުނީ މެނޭޖުކުރުމުގެ މަސައްކަތުގައި އުއްމީދީ ޖަވާބުތަކެއް ލިބިގެންދިޔަ. pic.twitter.com/fRAs2SjPc1
— MP Mohamed Shifau (@mhshifau) September 21, 2020
މި ބައްދަލުމުގައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ބާރަށު ދާއިރާގެ މެންބަރު އަހުމަދު ޢަބްދު ﷲ ވެސް ވަނީ އެދާއިރާގެ ރަށްތަކުގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް މިނިސްޓަރާ ހިއްސާ ކުރަށްވާފައެވެ.
މަޖިލީހުގައި ހއ އަތޮޅު ތަމްސީލް ކުރަށްވަމުންދާ 5 މެންބަރުން ދަނީ ސަރުކާރުގެ އިސް ވުޒާރާތަކަށް ވަޑައިގެން، ދާއިރާގެ ރަށްތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާއި މެދު މަޝްވަރާކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!