އިންޑިއާ އާއި ރާޖެއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށާފައިވާއިރު، މި ކާގޯ ފެރީގެ ސަބަބުން ސަރަހައްދީ ތަރައްޤީގެ ފުރުސަތުތަށް ހުޅުވިގެންދާނެ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
މެންބަރު ޝިފާޢު މިއަދު ވިދާޅުވީ އިންޑިއާ އާއި ރާޖެއާއި ދެމެދު މިއަދު ފެށުނު ކާގޯ ފެރީގެ ޚިދުމަތަކީ ދިގު އިންތިޒާރަކަށްފަހު، ބޮޑު ތިލަދުންމައްޗަށާއި އަދި މުޅި ޤައުމަށްވެސް އެކަމުގެ ނަފާ ލިބޭނެ، އެކަމުން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ޚިދުމަތެއް ކަމަށެވެ.
ސިޔާސީ އަދި އިޤްތިޞާދީ ބޭނުމުގައި ސަރަޙައްދުތަށް ބާރުވެރި ކުރުމަކީ މީގެ ކުރީން ފުރުޞަތު ދެވެމުންއައި ކަމަށްކަށް ނުވި ނަމަވެސް މި ސަރުކާރުން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އެ ފުރުޞަތުތައް ހުޅުވާލަދީފި ކަމަށް ވެސް ޝިފާޢު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން މިއަދު ފެށިއިރު، ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، އިންޑިއާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ޝިޕިންގގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވަރޗުއަލް ރަސްމިއްޔާތެއްވަނީ މިއަދު ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރު އިފްތިތާޙްކޮށްދެއްވީ އިންޑީއާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިންގ ސްރީ މަންސުޙް އެލް.މަންދަވިއާއެވެ. މި ރަސްމިއްޔާތު ދިވެހިރާއްޖޭގެ ފަރާތުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައި ރާއްޖެއައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ފުރައިފިކަމަށެވެ. ސޫތުކުޅި އަދި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ކުޅުދުއްފުއްޓަށެވެ.
އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ. އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އަންނަ ފުރަތަމަ ބޯޓަށް ރާއްޖެއަށް އާދެވޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި ބޯޓަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީއެކެވެ.
މި ބޯޓުގައި 20ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10 ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެކަމަށެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!