ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މަތިވެރި ދާއިރާގެ މެންބަރު މަރްޙޫމް ޙުސައިން މުޙައްމަދުގެ "ތައުބީންގެ ޖަލްސާ" މާދަމާރޭ ބާއްވަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.
17 ސެޕްޓެމްބަރު 2020 (މާދަމާ ރޭ) ،21:00 ގައި ފަށާ މިޖަލްސާ ބާއްވަން ނިންމާފައި ވަނީ ޒޫމް މެދުވެރިކޮށެވެ.
މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމްގެ އިތުރުން ޙުސައިން މުޙައްމަދުގެ ޢާއިލީ ބޭފުޅަކާއި، ޙުސައިން މުޙައްމަދުގެ އެކުވެރިންގެ ތެރެއިންވެސް ބޭފުޅަކު ވާހަކަ ދައްކަވަން ހަމަޖެހިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ކެލާ ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާރިފް ވިދާޅުވިއެވެ.
" ޙުސައިންބެއަކީ ދައުލަތަށާއި ޤައުމަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރަށްވާފައިވާ ބޭފުޅެއް، އަދި މި ޕާޓީއަށާއި، ޕާޓީގެ ލީޑަރަށްވެސް ވަރަށް އިޚްލާސްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވި އެންމެންނާއި ގުޅޭ އެކުވެރި ބޭފުޅެއް، ޙުސައިންބެ ނެތުމަކީ ޤައުމުގެ އިތުރުން މި ޕާޓީއަށްވެސް ލިބުނު އުނިކަމެއް، ހިތާމައެއް" ޢަލީ އާރިފް ވިދާޅުވިއެވެ.
ޖޭޕީއިން އިންތިޒާމްކޮށްގެން ބާއްވާ މިޖަލްސާ ވީޓީވީއިންނާއި، ވީއެފްއެމްއިން ލައިވްކުރުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ޖޭޕީގެ ރަސްމީ ފޭސްބުކް ޕޭޖް "ޖުމްހޫރީ ޕާޓީ ރަސްމީ"އިން ވެސް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަވަހާރަވިއިރު ހުސައިންއަކީ ޖޭޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އަވަހާރަ ވުމާއި ހަމައަށް ވެސް އެ ޕާޓީގެ އިސް ފަރާތެއްގޮތުން މަތިވެރި ދާއިރާގެ ޕާޓީގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ ހުސައިންނެވެ.

ސިޔާސީ ކަންކަމަށް ވުރެ ކުރިން ހުސައިން ބޮޑަށް މަޝްހޫރު ވެފައި ވަނީ ތަޢުލީމީ ދާއިރާ އާއި ނޫސްވެރިކަމުގައި އެވެ. ޚާއްސަކޮށް ސްކޫލްތައް އިމާރާތް ކުރުމުގެ މަސައްކަތްތަކުގައި ހުސެންއަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކެވެ. ތައުލީމީ ދާއިރާގައި ފުރަތަމަ އުޅުއްވީ އޭރުގެ އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރު (އީޑީސީ) ގަ އެވެ. އީޑީސީގެ އެކި މަގާމްތައް ފުރުއްވި ހުސައިން އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ޖެނެރަލްކަމާއި މިނިސްޓަރުގެ ނައިބުކަން ކުރެއްވި އެވެ.
ހުސައިން ވަނީ އާފަތިސް ނޫހުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޓީވީ މޯލްޑިވްސްގެ ޑިރެކްޓަ ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރައްވައި ގައުމީ ޓީވީ އާއި ރޭޑިއޯ ހިންގެވުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ހުސެއިން ފާހަގަ ކުރެެއްވިފައި ވަނީ، ބޭރުގެ މަސްރަހާއި ބޭރު ކުޅިވަރު ދިރާސާކުރައްވައި ކަވަރުކުރެއްވި ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ 20 އަހަރު ވަންދެން، 1980 އިން 2000 ގެ އަހަރުތަކާ ހަމައަށް ނޫސްވެރިކަން ކުރައްވައިފަ އެވެ. ހުސައިން، ނޫސްވެރިކަމަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، 2018 ގައި ވަނީ ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފަ އެވެ.
ހުސެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 2005 ވަނަ އަހަރުން ފެށިގެންނެވެ. ހުސައިން އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައި ވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އެވެ.
ހުސެއިން އަވަހާރަވި އިރު ތިން ބޭފުޅުން ދުނިޔޭގައި ތިއްބެވި އެވެ. އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާތާ ދުވަސްތަކެއް ފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!