ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ކަނޑޫފާވެސް ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރޭގައިވާކަން ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައިވާ ފޮޓޯތަކުން ހާމަވެއްޖެއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް "ތިލަދުން" އަށް ވިދާޅުވީ، ސަރުކާރުގެ ސަމާލުކަމަށް މިމައްސަލަ ގެނައުމަށް މިއަދުވެސް މަޝްވަރާ ކުރެވި ޢަމަލީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުންދާނެކަމަށެވެ. ކައުންސިލަރު އިތުރަށް ވިދާޅުވީ ކަނޑޫ ގަސްތައް މަރުވަމުންދާ ކަމަށާއި އެކަން އަދި ދެނެގަނެވިފައި ނުވާކަމަށެވެ.

Ad
rt

"ބޮޑަށް ބެލެވެނީ ތިިލަދުންމަތީގެ ކަނޑޫފާތަކަށްވެސް ދިމާވާ މައްސަލަކަމަށް މިއީ. މިއީ މީގެ ކުރިން ކާބަފައިންގެ ޒަމާނުންސުރެ ދިމާނުވާކަމެއްކަން. ދާދިފަހުން ވަނީ ގިނަ އަދަދަކަށް ކަނޑޫވެސް ހޮވާފައި. އޭރުވެސް ފާހަގަވި އެމައްސަލަ." ނަސީމު އިތުރަށް ވިދާޅުވިއެވެ.

ނަސީމު އިތުރަށް ވިދާޅުވީ ކަނޑުފަލުގެ ބައެއް ސަރަހައްދު ގިރާ ލޮނުގެ އަސަރުވެސް ކޮށްފައިވާކަމަށެވެ.

ވައިކަރަދޫ ކަނޑޫފާ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ކުރީގެ ކަނޑޫފާ ސަރަހައްދު ހުރި ގޮތާއި މިހާރު އެސަރަހައްދު ފެންނަން ހުރި ގޮތެވެ. މިފޮޓޯތައް ނަގާފައިވަނީ ވައިކަރަދޫ ޒުވާނުންތަކެއްގެ އިސްނެގުމުގެ މަތިން ކަމަށް ތިލަދުންއަށް މައުލޫމާތު ލިބިފައިވެއެވެ.

މިފޮޓޯތައް ނެގުމުގައި ހަރަކާތްތެރިވި ޒުވާނެއްކަމުގައި ޖިނާސް ތިލަދުންއަށް މައުލޫމާތު ދެމުން ކަނޑޫފާގެ ހާލަތު ބަޔާންކޮށްދީފައިވެއެވެ.
ޖިނާސް ވިދާޅުވީ "މިދިޔަ އަހަރު ފަހުކޮޅުވެސް ކަނޑޫ ގަސްތައް މަރުވަމުން އައިކަން ފާހަގަކުރެވުން. ނަމަވެސް ބޮޑަ މިބަލި ފެތުރިގެން އަންނަން ފެށީ މިއަހަރު. މިހާރު މިރަށުގެ ހޭޅިފަށުން ފެށިގެން އޮޅުތަކާއި ހަމައަށް ވަރަށް ބޮޑު ސަރަހައްދެއް ވަނީ ހަލާކުވެފައި އަދި އިތުރަށް ހަލާކުމުންދާކަން މިފެންނަނީ. މިވަރަށް ހިތްދަތި މަންޒަރެއް." ކަމަށެވެ.

ކަނޑޫފާ ހަލާކުވަމުންދާ މައްސަލާގައި ވައިކަރަދޫ ކައުންސިލްއިން މާދަމާ ސަރުކާރުގެ އިދާރާގެ ސަމާލުކަމަށް ގެންނާނެއެވެ. ވައިކަރަދޫ ޒުވާނުން ތައްޔާރުވަމުން ދަނީ މިމައްސަލަ ޤައުމުގެ ސަމާލުކަމަށް އިތުރަށް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ވައިކަރަދޫ ކަނޑޫފަލުގެ މައްސަލަ ފެންމަތިވެފައިވާއިރު ދާދިފަހުންވަނީ ހދ. ނޭކުރަންދޫ އާއި ހއ. ކެލާ ކަނޑޫފަލަށްވެސް މިފަދަ މައްސަލަތަކެއް ދިމާވެފަ އެވެ. އެދެރަށުގެ ކަނޑޫފާގެ މައްސަލާގައި ސަރުކާރުގެ ޓީމެއް އެދެރަށަށް ގޮސްވަނީ ދިރާސާތަކެއް ކޮށްފައެވެ.

ހ.ކޭލާ އަދި ހދ. ނޭކުރެންދޫއާއި ދެރަށުގެ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލައިގައި ކުރި ފީލްޑް ސާވޭ އިން ދެރަށުގައި ތަފާތުތަކެއް ފާހަގަ ކުރެވޭކަމަށާއި ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މީގެކުރިންވަނީ ހާމަކުރައްވާފައެވެ.

އިންޑިއާ ކަނޑުގައި ވެސް އޮތް އެންމެ ބޮޑު އެއް ކަނޑޫފާ ކަމަށްވާ ނޭކުރެންދޫން 10،000 އަށް ވުރެ ގިނަ ކަނޑޫ ގަސް ވަނީ މަރުވެފަ އެވެ. ކެލާ ކަނޑޫފަލަށް ވެސް އޮތީ އެ މައްސަލަ ކުރިމަތިވެފަ އެވެ.