މަނަފަރު ރިސޯޓުން ވަކިކުރި ހއ. ހޯރަފުށީ ރައްޔިތުންނަށް އަލުން ވަޒީފާދިނުމަށް ހޯރަފުށީ ކައުންސިލުން އެދިއްޖެ އެވެ.
ކައުންސިލުން މިގޮތައް އެދިފައިވަނީ ޖޭއޭ މަނަފަރު ރިސޯރޓުގައި މަސައްކަތް ކުރަމުންދިޔަ ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކި ކުރި ވަކިކުރުން ހ.އ.ހޯރަފުށީ ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.
ހޯރަފުށީ ކައުންސިލުން މިއަދުގެ ވަގުތެއްގައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދަނޑިވަޅުގައި އެކުދިންގެ އާއިލާއަށާއި އެކުދިންނަށް އެ ލިބުނު ހިތާމަތައް ހިތައް ތަސައްވަރު ކޮށްލެއްވުމަށްފަހު، އެކުދިން ކުރަމުން އެދާ ހިތްދަތި އިޙްސާސްތަކާމެދު ވިސްނާލައްވަވާ، އެކުދިންނަށް އަލުން އެ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދި ހޯރަފުށީގެ ކައުންސިލްގެ ފަރާތުން ޖޭއޭ މަނަފަރު ރިސޯރޓުގެ މެނޭޖްމަންޓަށްވާނީ އިޙްތިރާމާއި އެކު ދަންނަވާފަ ކަމަށެވެ.
ޖޭއޭ މަނަފަރު ރިސޯރޓު ރިސޯރޓަކަށް ހެދުމަށް އެންމެ ބޮޑު ޤުރުބާނީއެއް ވެފާވާނީވެސް ހޯރަފުށިން ކަމަށާއި އަދި މިހާރުވެސް އެބޭފުޅުންގެ އެ ވިޔަފާރީގެ އެކި ކަންކަމުގައި ހޯރަފުށި ބޭނުން ކުރަށްވަމުން އަންނަ ވާހަކަ ހަނދުމަކޮށްދެއްވަމުން ، އެފަރާތުން އެ ހިންގި ޢަމަލު ރަށުގެ ރައްޔިތުން އެއްވެސް ގޮތަކަށް ބަލާނުގަންނަކަމަށް މި ނޫސްބަޔާނުގައި ހޯރަފުށީ ކައުންސިލުން ވަނީ ހާމަކޮށްދެއްވާފައެވެ.
މީގެ އިތުރުން އެ ނޫސް ބަޔާނުގައި ބުނެފައިވަނީ މި މަހުގެ 7 ވަނަ ދުހުގެ ވަގުތެއްގައި ޖޭއޭ މަނަފަރު ރިސޯރޓުގައި މަސައްކަތް ކުރަމުން ދިޔަ އެރަށުގެ ގިނަކުދިންތަކެއް އެއްފަހަރާ ކުއްލި ގޮތަކަށް ވަނީ ވަޒީފާއިން ކަނޑާލާފަ ކަމަށެވެ. އަދި މިކުދިން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ޤާނޫނާ އެއްގޮތުގެ މަތިންކަމަކަށް އެއްވެސް ވަރަކަށް ޤަބޫލް ނުކުރާކަމަށް ހޯރަފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
ހާއްސަކޮށް ކޮވިޑް-19 ގެ މި ދަތި ދަނޑިވަޅުގައި ޖޭއޭގެ ފަރާތުން ފެނިގެންދިޔަ އެ އަމަލަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ސިފަކުރަށްވާ، މިގޮތައް ރަށުގެ ގިނަ ކުދިންތަކެއް ވަކިކުރި ވަކިކުރުން އެއްވެސް ގޮތަކަށް ބަލާނުގަންނަކަމަށް އެރަށުގެ ކައުންސިލުން ދެންނެވިއެވެ. އަދި މިކަމުގެ ސަބަބުން މިކުދިންނަށާއި މިކުދިންގެ އާއިލާއަށް ލިބުނު ހިތާމާގައި ރަށުގެ ކައުންސިލުން ބައިވެރިވާކަމުގެ ވާހަކަވެސް މިބޭފުޅުން (ކައުންސިލުން) ވަނީ ދަންނަވާފައެވެ.
މި ނޫސްބަޔާނުގައި، ޖޭއޭ މަނަފަރު ރިސޯރޓުގައި މަސައްކަތް ކުރަމުންދިޔަ އެރަށުގެ ރައްޔިތުންތަކެއް ވަޒީފާއިން ވަކިކުރުމާގުޅިގެން އެކުދިންގެ އަތުން ބީވެގެން އެދިޔަ ޙައްޤުތައް ހޯދައި ދިނުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ސަލީމް ކުރަށްވަމުންދާ މިންނެއް މަސައްކަތް ފާހަގަފުޅު ކުރަށްވަމުން މެންބަރު ސަލީމަށް ރަށުގެ ކައުންސިލުންގެ ނަމުގައްޔާއި ރަށުގެ ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!