ށ. ފީވަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ އެ ބަލިން ފަސޭހަ ވެއްޖެއެވެ.
ފީވަކު ހޯމު ކަރަންޓީނުގައި ހުރި އެމީހާ ކޯވިޑަށް ޕޮޒިޓިވްވީ 2020 ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ޕޮޒިޓިވް ވުމުންނެވެ.
އެމީހާ ބަލިން ފަސޭހަވިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގާފައި ވަނީ މިއަދު އެވެ. އެމީހާ ކޯވިޑްއަށް ޕޮޒިޓިވް ވުމުން އެޗްޕީއޭއިން ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު އެރަށް މޮނިޓަރިން ހާލަތަށް ގެނައުމަށްފަހު، ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ވަނީ އެރަށް މޮނިޓަރިން ހާލަތުން ނަގާފައެވެ.
ފީވަކުން ކޯވިޑަށް ޕޮޒިޓިވްވި މީހާ މިއަދު ބަލިން ފަސޭހަވެފައިވާއިރު، މިއަދަކީ ފަހަކަށް އައިސް ކޯވިޑް ބައްޔަށް މީހުން ޕޮޒިޓިވްވި ޢަދަދު އެންމެދަށް ދުވަހެވެ. މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 62 މީހުންނެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 9،052 އަށް އަރާފައެވެ.
މިއަދު އެ ބަލިން 209 މީހުން ރަނގަޅު ވެފައިވާއިރު، މިހާރު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 7،055 އަށް އަރާފައެވެ.
ރާއްޖޭގައި މި ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 1،960 އެވެ. އޭގެ ތެރެއިން 116 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 908 މީހުންނެވެ. އަދި ރާއްޖެއިން މިހާތަނަށް ބަލީގައި ވަނީ 31 މީހުން މި ދުނިޔެ ދޫކޮށްފައެވެ.
މިހާތަނަށް އެޗްޕީއޭ އިން ކޮވިޑަށް 129،055 އަށްވުރެ ގިނަ ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!