ކޯވިޑް-19 ބަލި މަޑުކަމާއި ގުޅިގެން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިހާތަނަށް ރާއްޖެއަށް ލިބިފައި ވަނީ 190 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޯވިޑާއި ގުޅިގެން ރާއްޖެއަށް މިހާތަނަށް 190 މިލިއަން ޑޮލަރު ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ލިބޭ 250 މިލިއަން ޑޮލަރާއި ކުރިއަށް އޮތްތަނުގައި އައިޑީބީ އާއި އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގުޅިގެން ވެސް ކޮންސެޝަނަލް ފައިނޭންސިން ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރު ވެސް އަދި ކުރިއަށް އޮތް 2021 ގައި ވެސް ބައްލަވަމުން ގެންދަވަނީ ކޮންސެނަލް ފައިނޭންސިން ގޮތުގައި ބޭރުގެ ފަރާތަކުން ފަންޑު ހޯދުމަށް ކަމަށެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މި ސަރުކާރުން ބަދަލުގައި ގޮތުގައި ބޮޑެތި ޢަދަދުތައް ނަގައިދޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބަދަލު ދިނުމުގައި ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. މި ސަރުކާރުން ކޯޓު ޙުކުމަކުން ބޭރުން ބަދަލެއް ދޭން ނިންމާފައިވަނީ ހަމައެކަނި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ބަދަލުގެ ގޮތުގައި ދީފައިވަނީ ކޯޓުގެ ޙުކުމެއްގެ ދަށުން ކަމަށާއި، އޭގެ ބޭރުން ނޫމަޑި މައްސަލައިގައި ސެޓެލްމެންޓް އެގްރީމަންޓަކަށް އާދެވިފައިވާނެ ކަމަށެވެ. އަދި އެއީ އޭރު މަސައްކަތް ކުރި ތަޖުރިބާކާރު ވަކީލުންނާއި ޤާނޫނީ ޓީމުގެ ލަފާގެ މަތިން ކޮށްފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން ވެސް މިނިސްޓަރު އަމީރު ރޭ ވާހަކަ ދެއްކެވިއެވެ. އެ ވެންޓިލޭޓަރުގެ ތެރެއިން ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއި ހަވާލުކުރި ވެންޓިލޭޓަރު ނުލިބިއްޖެ ނަމަ، އެ ފައިސާ ހޯދަން އާބިޓްރޭޝަނަށް ދާން ޖެހިއްޖެ ނަމަވެސް އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ރޭ ވިދާޅުވިއެވެ.
އެގޮތުން މި މައްސަލައިގައި އެޓާނީ ޖެނެރަލް އާއި ވާހަކަ ދައްކާ ފައިސާ ހޯދޭނެ ގޮތަކާއި މަޝްވަރާ ކުރައްވާނެ ކަމަށާއި، އެގްޒެކިއުޓަރސް ނިސްބަތްވާ ގައުމު ކަމަށްވާ ޔޫއޭއީއާ ވެސް ވާހަކަ ދައްކާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!