ކޯވިޑް-19ގެ ހާލަތުގައި އެޅި ރަށްކާތެރި ފިޔަވަޅުތަކުގެ ދަށުން އާންމުކުރި އުސޫލުތަކާއި ޚިލާފުވެގެން އެތައް ބަޔަކު ވަނީ ޖޫރިމަނާކޮށްފައި ކަމަށާއި، ޤާނޫނާއި ޤަވާޢިދު ހިންގުމުގައި ވަކިބަޔަކު ތަފާތު ކުރުމަށްނެތި ފިޔަވަޅުއެޅެން ވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އަޙްމަދު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ވަނީ މާލޭގައި ސައިކަލެއް ބުރެއްބާވައި، ރާއްޖޭގެ ގިނަ ރަށްތަކެއްގައި މުޒާހަރާ ކޮށްފައެވެ.
މެމްބަރު އަޙްމަދު ވިދާޅުވީ ކޯވިޑް-19ގެ މިހާލަތުގައި އަމަލުކުރަންޖެހޭ އުސޫލާއި ޚިލާފްވެގެން އެތައް ބަޔަކު ޖޫރިމަނާ ކޮށްފި ކަމަށެވެ. އަދި ޤާނޫނާއި ޤަވާޢިދު ހިންގުމުގައި އެކިމީހުންނަށް ތަފާތެއް ނުކުރެވޭނެ ކަމަށް އަޙްމަދު ވިދާޅުވިއެވެ.
#COVID19 ge mi haalathuga amalukuran jehey usoolaa khilaafu vegen ethah bayaku joorimanaa koffi, gaanoonaa gavaaidh hingumuga eki meehunnah thafaatheh nukureveyne. @HPA_MV @PoliceMv
— Ahmed Abdulla (@ahmedabdulla2a) August 28, 2020
އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލް ބުރާއި ގުޅިގެން ފުލުހުން ބުނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގިނަ ޢަދަދެއްގެ މީހުންނާއިއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.
ކޯވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން އެމަސައްކަތުގައި އުޅުއްވާ ޑޮކްޓަރުން ގެންދަވަނީ ދެވަނަ ލޮކްޑައުނަކަށް ދާން ފުރުޞަތު ނުދީ ފަރުދީ ޒިންމާ އަދާކުރުމަށް އާދޭސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!