ހދ. މަކުނުދޫ އާއި ހަނިމާދޫގައި ފުލުހުން ހިންގި މަސްތުވާތަކެއްޗާއި ގުޅުހުން ހުރި އޮޕަރޭޝަން ތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ދެރަށުގައި ފުލުހުން މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.
އެކަން ހާމަކުރަށްވައި ފުލުހުން ބުނީ އެގޮތުން މަކުނުދޫގައި ހިންގި ދެ އޮޕަރޭޝަނުގެ ތެރެއިން އެއް އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ކަރުދާސްކޮޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައި ވާކަމަށެވެ.
މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެވަނަ އޮޕަރޭޝަނަކީ އާންމު ފަރާތަކުން ފުލުހުންނަށްދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 88 ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.
އޭގެ އިތުރުން އޮގަސްޓު 27 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަތައް ތަހުގީގު ކުރަމުން ދާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!