ހއ.އިހަވަންދޫގެ އިރު އުތުރު ފަރާތު އަތިރިމަތީން ގޮނޑަކަށް ވެފައިވާ މިސްކިތްމަގު ނަމަކަށް ކިޔާ ސަރަހައްދު ސާފުކޮށް ރީތި މައިޒާނެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވައިފިއެވެ. މި މައިޒާނަށް ދީފައިވާ ނަމަކީ މިސްކިތްމަގު މައިޒާނެވެ.

އެ ރަށުގެ ހައެއްކަ ޒުވާނުންގެ އިސްނެގުމުގެ މަތިން އެ ރަށުގެ ކައުންސިލާ ވެސް މަޝްވަރާ ކުރެވިގެން ފެށިގެންދިޔަ މި މަސައްކަތް ފުރިހަމަ ކަމާއި ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ވަނީ އެ ޒުވާނުންގެ އާއިލާތަކާއި އަދި އެ ހިސާބުގަނޑުގެ އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެކުގައެވެ. އަދި މީގެ އިތުރުން އެ ރަށުގެ ފެނަކައާއި އެ ރަށުގެ ފުލުހުންގެ އިދާރާގެ ވެސް އެހީތެރިކަމާއި އެކުގައެވެ.

Ad
rt

21 އޯގަސްޓް 2020 ވީ ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށާފައިވާ މި މައިޒާނުގައި ބާބެކިޔު ސްޓޭންޑްތަކާއި މޫދު އުނދޯލީގެ އިތުރުން މޫދަށް އެރުމަށްފަހު ފެންވެރޭނެ އިންތިޒާމުތަކާއި އަވި ކުޑަތަކާއި ކުޑަކުދިން ކުޅޭނެ ޕާކެއް ވެސް ހިމެނެއެވެ. ފޫހިފިލުވާލާއި ވައި ޖައްސާލުމަށް ޖޯލިފަތިތައް އެ ސަރަހައްދުގައި ބެހެއްޓިފައިވާއިރު ގިނަ އަދަދަކަށް އެ ސަރަހައްދުގައި ހަރުކުރެވިފައިވާ ހެއްލާ އުނދޯލިން މުޅި ސަރަހައްދު ވަނީ ޒީނަތްކޮށްފައެވެ.

އެ ޒުވާނުން އިސްނަގައިގެން ބަޖެޓަކާ ނުލައި ފެށި މި މަސައްކަތް ނިންމާލި އިރު ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަން ލިބިފައިވާ ކަމަށާއި މުޅި ޕްރޮޖެކުޓަށް ދެ ލައްކައަށް ވުރެ ބޮޑު ބަޖެޓެއް ޚަރަދުވި އިރު އެއީ މުޅީން ވެސް ހިލޭ އެހީ ކަމުގައި އެ ޒުވާނުން ފާހަގަކޮށްފައިވެއެވެ.

އެ ޒުވާނުން ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ކޯވިޑް-19 ބަލި އެ ރަށުން ފެނުމާއި ގުޅިގެން އެ މަސައްކަތް ފެށިފަހުން ވެސް ދެ ފަހަރެއްގެ މަތިން އެ ރަށް ލޮކްޑައުންއަކަށް ދިއުމެވެ. ނަމަވެސް އެ ގޮންޖެހުމާއި އެކުވެސް އެ ޒުވާނުން އިސްނަގައިގެން ކުރި މަސައްކަތް މިއަދު ކާމިޔާބު ކުރެވިފައިވުމުން އެކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އެ ޒުވާނުން ވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.

މިސްކިތްމަގު މައިޒާން ހުޅުވުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މައިޒާން ރަސްމީކޮށް ހުޅުއްވައިދެއްވީ އިހަވަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދެވެ.

އެ މައިޒާން ހުޅުވައިދެއްވާ މުޙައްމަދު ރަޝީދު ވަނީ އެ މަސައްކަތުގައި ޒުވާނުން ދެއްކެވި ނަމޫނާއަށް އެ ޒުވާނުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ތަޢުރީފް ކުރައްވާފައެވެ.

"ވަތަނީ ރޫހެއްގައި މިއަދު ޒުވާނުން ނުކުމެއް ދެއްކި ހިތްވަރަކީ ޝުކުރު ހައްޤު މަސައްކަތެއް. މިހާ ފުރިހަމަ މިހާ ބޭނުންތެރި މަސައްކަތެއް ޒުވާނުންތަކެއް އިސްނަގައިގެން ކާމިޔާބުކަމާއި އެކު ނިންމާ ރަށުގެ ކުދިބޮޑު އެންމެންނަށް މި ދިން ހަދިޔާއަކީ އެ ޒުވާނުންގެ ހިތުގައި ރަށަށް އޮތް ލޯބި ދައްކުވައިދޭ ރަމްޒެއް. މިފަދަ މައިޒާންތައް ތަރައްޤީ ކުރުމަށްފަހު މިތަން ވަކިބަޔަކު ބޮލުގައި ނާޅުވައި ސާފުތާހިރުކަމާއިއެކު ބެލެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމުގައި ދެކިގެން ކުރިއަށް ދިޔުން މުހިންމު. ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ތަންތަން ބެލެހެއްޓޭނެ މަގަކީ އެއީ"

މުޙައްމަދު ރަޝީދުގެ އެ މައިޒާން ހުޅުވައިދެއްވާ ދެއްކެވި ވާހަކާގައި ފާހަގަކޮށްފައި ވެއެވެ.

މުޙައްމަދު ރަޝީދުވަނީ އެ މަސައްކަތުގައި އެހީތެރިވެ ދެއްވި އެންމެހާ ވިޔަފާރި ވެރިންނާއި، ރަށުގެ މުއައްސަސާތަކަށާއި އަދި އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ކޮންމެ ކަމަކަށް އެއްބާރުލުން ދިނުމުގައި ކައުންސިލު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް ދީފައިވެއެވެ.

ކޯވިޑް ބަލިމަޑު ކަމުގައި ރަށުގައި ތާށިވެފައި ތިބެންޖެހުމުގެ ސަބަބުން އެ ޒުވާނުން އެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މިވަނީ ނަމޫނާ ދައްކާފައެވެ.