ދައުލަތުގެ ކުރީގެ އަދި މިހާރުގެ ވެރިންގެ ނުހައްޤު މުއްސަނދިކަން ބެލި ފިޔަވަޅު އެޅިގެން ނޫނީ ކޮރަޕްޝަން ހުއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރާ) ވިދާޅުވެއްޖެއެވެ.
މެމްބަރު އިބްރާޙީމް ޝަރީފް މިހެން ވިދާޅުވީ މިރޭ އޭނާ ކުރަށްވާފައިވާ ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި އިބްރާޙީމް ޝަރީފް ވިދާޅުވީ ދައުލަތުގެ ކުރީގެ އަދި މިހާރުގެ ވެރިންގެ ނުހައްޤު މުއްސަނދިކަން ބެލި ފިޔަވަޅު ނޭޅޭހާ ހިނދަކު ކޮރަޕްޝަން ކޮންޓްރޯލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދައުލަތުގެ ކުރީގެ އަދި މިހާރުގެ ވެރިންގެ ނުހައްޤު މުއްސަނދިކަން ބެލި ފިޔަވަޅު ނޭޅޭހާ ހިނދަކު ކޮރަޕްޝަން ކޮންޓްރޯލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން."
=އިބްރާޙީމް ޝަރީފް، ކެލާ ދާއިރާގެ މަޖިލިސް މެމްބަރު=
Dhaulathge kureege adhi mihaaruge verin nuhaggu muhsadhi kan beli fiyavalhu neylhey haa hindhaku corruption control kurumakee, kureveyne kameh noon,
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) August 22, 2020
މިމެބަރު އިބްރާޙީމް ޝަރީފް މިގޮތަށް ވިދާޅުވެފައި ވާއިރު، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އޯގަސްޓް 12 ވަނަ ދުވަހު އޭޖީ އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ.
އެ ބިލު ފޮނުވުމަށް ފަހު އެދުވަހު އޭޖީ އޮފީހުން ބުނީ ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން އިތުރުވެ، އެފަދަ ޢަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީވަމުންދާ ދަނޑިވަޅެއްގައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ވެރިވެފައިވާ ބައިނަލްއަޤްވާމީ ކޮރަޕްޝަނާ ގުޅޭ މުޢާހަދާއަށްވެސް ރިޢާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މިޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި އެ ކުށްތައް އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އަލަށް އިތުރުކުރުމަށް ހުށަހަޅާ ކުށްތަކަކީ، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި، ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށް ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާޙުކުރުމަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!