ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ހޯރަފުށީ ދާއިރާއަށް ނިސްބަތްވާ ތިން ސިއްހީ މަރުކަޒަކުން ބައިވެރި ވެއްޖެއެވެ.

އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި ގަސްއިންދުމުގައި ބައިވެރިވެފައި ވަނީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިތުރުން އުލިގަމާއި، ތުރާކުނު ސިއްހީ މަރުކަޒުންނެވެ.

Ad
rt

މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައިހޯރަފުށީ ސިއްހީ މަރުކަޒާއި، އުލިގަމް ސިއްހީ މަރުކަޒާއި އަދި ތުރާކުނު ސިއްހީ މަރުކަޒު ބައިވެރިވެފައި ވާތީ ހާސްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

" ހޯރަފުށީ ދާއިރާގެ ތިން ރަށް ގުޅިގެން ދައްކުވައިދިނީ ރިވެތި ނަމޫނާއެއް"

ހޯރަފުށީ ކައުންސިލުން ބުނެފައި ވެއެވެ.

އެކައުންސިލުން ބުނީ އެހަރަކާތުގައި 500 ގަސް އިންދާފައިވާ ކަމަށެވެ. އަދި އެފަދަ ކޮންމެ ހަރަކާތެއްގައި އެ ކައުންސިލްގެ މަދަދާއި، އެހީތެރިކަން ލިބޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުންނާއި، އެމްޓީސީސީއިން ވެސް މީގެ ކުރިން ވަނީ ބައިވެރިވެ ގަސް އިންދާފައެވެ. އަދި މީގެއިތުރުން ވެސް ހޯރަފުށީގެ އެކި ކްލަބް، ޖަމްޢިއްޔާތަކާއި، އެކި ގްރޫޕްތަކާއި އަދި ޢާއިލާތަކުން އަންނަނީ އެރަށު އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ގަސް އިންދަމުންނެވެ.

21 ޖޫން 2019 ވީދުވަހު ހޯރަފުށީގައި 500 ގަސް މުޑުވައްކުރުމުގެ ޕްރޮގްރާމެއް ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ފައްޓަވައިދެއްވައިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން 10،000 ގަސް މުޑުވައް ކުރުމަށް ވަނީ ނިންމާފައި ކަމަށް ހޯރަފުށީ ކައުންސިލުން އެދުވަހު ވަނީ ހާމަ ކޮށްފައިއެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.

ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ވާކަމަށާއި، މީގެ ތެރެއިން ކޮމްޕެކްޓަރ، ޑަބަލް ޑްރަމް އަދި ބައެއް އެހެން ސާމާނު ވަނީ އިއްޔެ އެރަށަށް ގެންގޮސްފައި ވާކަމަށް އެމްޓީސީސީން މި އޯގަސްޓްމަހުގެ 15 ވަނަ ދުވަހު ބުނެފައިވާއިރު، އަދި މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.

ކޯވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.