ކޯވިޑް-19: ނިޔާވި މީހަކު ކޯވިޑަށް ޕޮޒިޓިވް، 128 މީހުނަށް އަލަށް ބަލިޖެހިއްޖެ

photo_2020-08-05_21-41-12

ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވްވެފައި ވާއިރު، މިރޭ ނިޔާވި އުމުރުން ދުވަސްވީ މީހަކު އެބަށްޔަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިރޭ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެވުނު އުމުރުން 83 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާ ކަމަށާއި އޭނާ ޓެސްޓް ކުރުމުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އުސޫލެއްގެ މަތިން މިގޮތަށް ގެނެވޭ ކޮންމެ މީހެއްވެސް ޓެސްޓް ކުރެވޭ ކަމަށާއި، މިގޮތަށް ކުރެވުނު ޓެސްޓުން އޭނާ ވަނީ ޕޮޒިޓިވް ވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެމީހާ މަރުވީ ކޯވިޑްގެ ބަލީގައިތޯ ޔަގީން ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 128 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހީންނާއި، 35 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 4 މީހަކާއި ނޭޕާލް 2 މީހަކާއި، އަދި ސްރީލަންކާ 4 މީހެކެވެ.

މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 127 މީހުންނެވެ. އަތޮޅުތެރެއިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،494 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،553 މީހުން ތިބިއިރު، 156 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،920 މީހުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި