މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އުފައްދާ ޕީވީސީ ޕްރެޝަރ ހޮޅި ރާއްޖޭގެ ބާޒާރަށް ނެރެން ތައްޔާރު ވެފައިވާކަން އެކުންފުނިން ހާމަ ކޮށްފިއެވެ.

ފެންކުންފުނިން މާކެޓަށް ނެރެނީ ޕީވީސީ ޕްރެޝަރ ހޮޅިއަކީ ރާއްޖޭގެ މާކެޓްގައި އެންމެ އާންމު އަދި އެންމެ މަޤްބޫލު ތައިލޭންޑްގެ ސްޓޭންޑަރޑްކަމަށްވާ "ތައި ސްޓޭންޑާރޑް" އަށް ފެތޭގޮތައް ތައްޔާރުކުރާ ފެންވަރު ރަނގަޅު ހޮޅިއެކެވެ.

Ad
rt

އެ ކުންފުނިން ފެނާއި ނަރުދަމާ އާއި މަގު ހެދުމުގައި ބޭނުންކުރާ ހޮޅި އުފައްދާ ބޭނުންކުރާތާ ފަސް އަަހަރުވެފައިވާއިރު، އިމާރާތްތަކުުގެ ފެން ވައިރުކުރުމަށް ބޭނުންވާ ސައިޒުތަކުގެ ހޮޅި އުފައްދައި ބާޒާރަށް ނެރޭ މިއީ ފުރަތަމަ ފަހަރެވެ.

މި ހޮޅި އެމްޑަބްލިއުއެސްސީން އުފައްދަނީ އެ ކުންފުނިން ގުޅިފަޅުގައި ހިންގާ ހޮޅި ފެކްޓަރީގައެވެ. އެމްޑަބްލިއުއެސްސީން އިމާރާތްތަކުގެ ފެން ވައިރުކުރުމަށް ބޭނުންކުރާ އެކި ސައިޒުތަކުގެ ހޮޅި ބާޒާރަށް ނެރޭއިރު، ޕްރެޝަރު ސައިޒު 8.5 އާއި 13.5 ދިގު އަދި ބައި އިންޗިން ފެށިގެން ހަ އިންޗިއާ ދެމެދުގެ ފަލަމިނުގެ ހޮޅި ބާޒާރަށް ނެރޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން 2015 އިން ފެށިގެން ގުޅިފަޅުގައި ހިންގަމުން އަންނަ ފެކްޓަރީގައި ހޮޅި އުފައްދަނީ ޖަރުމަނުގެ ކްރައުސް މަފެއި ބްރޭންޑްގެ މެޝިނަރީގައެވެ. އަދި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ވާވިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އީއެން އަދި އައިއެސްއޯ ސްޓޭންޑަރޑްއަށް ފެތޭގޮތަށެވެ.

މި ކާރުހާނާ އައިއެސްއޯ 9001 އަށް 2015 ވަނަ އަހަރު ސެޓިފައި ކުރެވިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ ހޮޅި ފެކްޓަރީ އުފެއްދި ދުވަހުން ފެށިގެން މިހާތަނަށް ވެސް އެތަނުގައި މަސައްކަތް ކުރަމުން އަންނަނީ މުޅިން ވެސް ދިވެހި މުވައްޒަފުން ކަމަށެވެ.

އެ ކުންފުނީގެ ހޮޅި ފެކްޓްރީގައި ކުރިއްސުރެ އުފައްދަމުން އައީ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ އަން ޕްލާސްޓިސައިޑް ޕޮލިނިވީލް ކްލޮރައިޑް (ޔޫޕީވީސީ) ހޮޅި އާއި ހައި ޑެންސިޓީ ޕޮލޮޔެތެލީން (އެޗްޑީޕީއީ) ޕްރެޝަރު ހޮޅި އެވެ. ނަރުދަމާގެ މަސައްކަތަށް އުފައްދަނީ، ތިން އިންޗިއާއި ހަ އިންޗީގެ ފަލަމިނުގެ ހޮޅިއެވެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތްތަކަށް އުފައްދަނީ އެއް އިންޗި އާއި 10 އިންޗިއާ ދެމެދުގެ ފަލަމިނުގެ ހޮޅި އެވެ.

އެމްޑަބްލިއުއެސްސީން އުފައްދާ ޕީވީސީ ޕްރެޝަރ ހޮޅި ރާއްޖޭގެ ބާޒާރަށް ނެރެން ފެށުމާއިއެކު ފެންވަޔަރު ކުރުމަށް ބޭނުންވާ ހޮޅި ހޯދުމުގައި އިމާރާތް ކުރުމުގެ ސިނާއަތަށާއި ފިހާރަތަކަށް ލުއިވެގެން ދާނެ އެވެ. އަދި އެ ކުންފުނިން ބުނިގޮތުގައި، އެ ސައިޒުތަކުގެ ހޮޅި ރާއްޖޭގައި ވިއްކަން ފެށުމުން ސްޓޯރޭޖާއި ވެއާ ހައުސިންގެ ހަރަދުތައް ކުޑަކުރެވޭނެ އެވެ. އެއީ ރާއްޖޭގެ އިގުތިސާދަށް ވެސް އެކަމުގެ ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށް ބުންޏެވެ.