ދެމަސްދުވަހުގެ ތާރީޚީ މިޝަންއެއް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ފުރިހަމަ ކުރުމަށްފަހު ސްޕޭސް-އެކްސް ކްރޫޑްރެގަން ޑެމޯ 2 ގައި ދަތުރުކުރި ދެ އެސްޓްރޯނޯޓުން އެނބުރި ދުނިޔެއަށް އައިސްފިއެވެ.
މި މިޝަންއަކީ ސްޕޭސް އެެކްސްއިން ޖައްވަށް އެސްޓްރޯނޯޓުން ފޮނުވުމަށް ތައްޔާރު ކޮށްފައިވާ ޖައްވީ އުޅަނދު ކްރޫޑްރެގަން ޓެސްޓުކުރުމަށް ކުރި 2 ވަނަ ދަތުރެވެ. މިއުޅަނދަކީ ހުރިހާކަމެއް ވެސް އޮޓަމެޓިކްއިން ކުރާގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މިއުޅަނދު ޑިޒައިން ކޮށްފައިވަނީ މައްޝޫރު އިލެކްޓްރިކް ކާރު ތައްޔާރުކުރާ ޓެސްލާ ކުންފުނީގެ އީލޯން މަސްކްގެ ސްޕޭސްއެކްސް ކުންފުނިންނެވެ.
އާދިއްތަދުވަހުގެ 18:48(ޖީއެމްޓީ) ގައި ޓެސްޓް ޕައިލެޓުން ކަމުގައިވާ ޖައްވީ އުޅަންދުގެ ކޮމާންޑަރ ޑަގް ހާރލީ އަދި ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑަރ ބޮބް ބެންހެން ވަނީ ގަލްފް އޮފް މެކްސިކޯއަށް ހުދާއި އޮރެންޖުކުލައިގެ 4 ވައިކުޑައިގެ އެހީގައި ތިރިކޮށްފައެވެ.

ކެޕްސޫލް މޫދަށް ތިރިކުރުމާއިއެކު ރިކަވަރީ ކްރޫ ވައިކުޑަ ކެޕްސޫލުން ވަކި ކޮށްލުމަށްފަހު މޫދުން ކެޕްސޫލް ނަގައި އޭގައި ތިބި ފަޅުވެރިން ނެގޭނެ އިންތިޒާމް ހަމަޖެއްސިއެވެ. ކެޕްސޫލްގައި ތިބި ދެފަޅުވެރިންގެ ސިއްހީ ހާލަތު ބެލުމަށްފަހު ޓީމުން ވަނީ އެ ދެމީހުންގެ ހާލަތުވެސް ރަނގަޅުކަމަށް ބުނެފައެވެ.

އާންމުގޮތެއްގައި ޖަށްވުން އަންނަ ހުރިހާ އުޅަނދެއްވެސް ތިރިކުރަނީ ބިމަށެވެ. މިއީ ގަލްފް އޮފް މެކްސިކޯއަށް ޖައްވީ އުޅަނދެއް ތިރިކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން 1970 ވަނަ އަހަރު އެޕޯލޯ ޕްރޮގްރާމަށް ފަހު މޫދަށް ޖައްވީ އުޅަނދެއް ތިރިކުރި ފުރަތަމަ ފަހަރެވެ.
އެސްޓްރޯނޯޓުން ވަނީ އައިއެސްއެސްއާއި ވަކިވުމަށްފަހު ގާތްގަނޑަކަށް 18 ގަޑިއިރު ޖައްވުގައި ބުރުޖަހާފައެވެ. ދުނިޔޭގެ ފަށަލައަށް އުޅަނދު ތިރިކުރަން މަސައްކަތް ކުރި އިރު އުޅަނދުވަނީ 1927 ޑިގްރީ ސެލްސިއަސް އަށް ހޫނުވެފައެވެ. އުޅަނދު ޑިޒައިން ކޮށްފައި ވަނީ އުޅަނދާއި އޭގައި އިންނަ ފަޅުވެރިއާއަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށެވެ. ނަމަވެސް ގަދަހޫނާއި އުޅަނދުވަށައިގެން އުފެދުނު ޕްލާޒްމާގެ ސަބަބުން 6 މިނެޓްގެ ވަގުތަކަށް މުއާސަލާތީ ހިދުމަތް ކެނޑުނުކަމަށް ފަޅުވެރިންވަނީ ބުނެފައެވެ.
ނާސާގެ ކޮމާރޝަލް ކްރޫ މެނޭޖަރ ސްޓީވް ސްޓިޗް އަލްޖަޒީރާއަށް ދިން އިންޓަރވިއުގައި ބުނެފައިވަނީ މިއީ ކާމިޔާބު މިޝަންއަކަށް ވެފައި ހުރިހާ ކަމެއްވެސް ރަނގަޅަށް ދިއުމުން އޭނާ ވަނީ ބަސްހުއްޓިފައިކަމަށެވެ.

މިހާރު ސްޕޭސްއެކްސްގެ ޑްރެގަން ލެއަރ އުޅަނދުވަނީ ކުރިއަށްއޮތް ދަތުރަށް ތައްޔާރީތަށް ކުރުމަށް ކޭޕް ކެނަވެރަލް އަށް ގެންދެވިފައެވެ. އަންނަ ސެޕްޓެމްބަރު މަހުގައި ފުރަން ހަމަޖެހިފައިވާ ދަތުރުގައި ނާސާގެ 3 އެސްޓްރޯނޯޓުން ކަމުގައިވާ މައިކް ހޮޕްކިންސް ، ވިކްޓަރ ގްލޯވަރ، ޝެނަން ވޯރކަރ ގެ އިތުރުން ކުންފުނީގެ ފުރަތަމަ ބައިނަަލްއަގްވާމީ ބައިވެރިއެއް ކަމުގައިވާ ޖަޕާންގެ ސޮއިޗީ ނޮގޫޗީ ބައިވެރިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!