މިއަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އަށް 248 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެއެވެ.
ކޯވިޑްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އައި ހީނާރު ކަމާއި، ޚިދުމަތްތަކާއި މަސައްކަތްތަކުގެ ސިނާއަތްތަކަށް ވެސް ބޮޑު ލޮޅުމެއް އަރާފައި މިވާ މި ދަނޑި ވަޅުގައި އެމްޓީސީސީއިން ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީ އެއް ހޯދާ ފައެވެ.
އެމްޓީސީސީ އިން ބުނީ ކުންފުނީގެ ވިޔަފާރިއަށް ކޯވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ. އަދި ކޯވިޑް-19ގެ ފުރަބަންދާއެކު ޓްރޭޑް އަދި ދަތުރުފަތުރުގެ ސެކްޓާ އިން 50 ޕަސެންޓުގެ ދަށްވުމެއް އާމްދަނީ އަށް އައި ކަމަށާއި ފުރަތަމަ ކުއާޓާރާ އަޅާ ބަލާޢިރު ދެވަނަ ކުއާޓަރުގައި އެކުންފުނީގެ އާމްދަނީ 30 ޕަސެންޓް ދަށްވެފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުއާއި އަޅާ ބަލާއިރު 106 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ވަނީ 354 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 53 މިލިއަން ރުފިޔާ ލިބިފައި ވީނަމަވެސް، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީއިން ބުނީ ކޯވިޑް-19ގެ ސަބަބުން އެކުންފުނީގެ ޕްރޮޖެކްޓުތަކަށް ބޭރުން ގެންނަ ސާމާނު ގެނައުމުގައި އަދި ރަށްތަކަށް އެތަކެތި ފޮނުވުމުގައިވެސް ލަސްތައް ދިމާވިކަމަށާއި، އަދި ކޯވިޑާއެކު އެކުންފުނީގެ ޓްރޭޑިން ޑިޕާޓްމެންޓަށް ފުރަތަމަ ފަހަރަށް ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މި އަހަރުގެ ބަކީ ހަމަހަކީ ވެސް ދަތި އުނދަގޫ ދުވަސްތަކަކަށް ވެދާނެ ކަމަށާއި، ކުންފުނީގެ ފައިނޭންޝަލް ފޯކާސްޓްތައް ރިވައިސްކޮށް، ކޯވިޑް-19ގެ ހާލަތުގައި ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންތައް އެކުލަވާލާފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ހާމަ ކޮށްފައެވެ.
ކޯވިޑްގެ ދަތި ކަމުގެ ތެރެއިން ވެސް އެމްޓީސީސީއިން ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުން ކަން ފާހަގަ ކޮށްލެވެއެވެ. މި ގޮތުން ބަލާއިރު، ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް އެތައް މަޝްރޫއެއް ފަށައި، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ވަނީ މިހާރު ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ގޮތުން މިއަހަރު ތެރޭގައި 17 ރަށުގައި 19 މަޝްރޫޢު ނިންމާފައި ވާކަމަށް އެމްޓީސީސީއިން ވަނީ ބުނެ ފައެވެ. އަދި މި ޖުލައި މަހުގެ ތެރޭގައި ބަނދަރު ހެދުމުގެ 2 މަޝްރޫޢުއާއި އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއެއް ވަނީ ނިމިފައި ވާކަމަށާއި، އަދި މިހަފްތާ ތެރޭގައިވެސް އިތުރު ދެ މަޝްރޫޢުއެއް ނިންމައި ހަވާލުކުރުމަށް އެ ކުންފުނިން މެދު ނުކެނޑި މަސައްކަތް ކުރަމުން ދާކަމަށް ވެސް އެމްޓީސީސީ އިން ހާމަ ކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!