ރޭ ކުއްލި ގޮތަކަށް ނިޔާވެފައި އޮށްވައި ފެނުނު ދިވެހި ޒުވާން ޕައިލެޓްގެ ކަށުނަމާދު މިއަދު މަޣްރިބް ނަމާދަށް ފަހު އާސަހާރާ މިސްކިތުގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
ކުއްލި ގޮތަކަށް ނިޔާވެފައި އޮއްވާ ފެނުނީ ވިލާ އެއާގައި ވަޒީފާ އަދާ ކުރާ ޢުމުރުން 35 އަހަރުގެ ސ. ހިތަދޫ، ކޯޒްވޭވިލާ، ސަނޫން ނަޞީރެވެ.
"ކަށުނަމާދު.އެމްވީ" ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ސަނޫންގެ ކަށުނަމާދު މިއަދު މަޣްރިބް ނަމާދަށް ފަހު މާލޭ އާސަހަރާ މިސްކިތުގައި އޮންނާނެ ކަމަށެވެ.

މީޑިއާގައި ރިޕޯޓް ކޮށްފައި ވަނީ ސަނޫން މަރުވެގެން ވެއްޓިފައި އޮއްވައި ފެނިފައި ވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރި ރޭ ދަންވަރު ކަމަށެވެ.
ފުލުހުން ބުނީ، ހުޅުމާލޭގެ ފްލެޓެއްގެ ކައިރި އަށް މީހަކު ހޭނެތިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:30 ހާއިރު ލިބުނު ކަމަށެވެ. އަދި އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
"މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!