ހއ. އިހަވަންދޫން 242 ބޯޓުގެ ކޭޝިއަރ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިހަވަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދު ވަނީ މިނޫހަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތްތަކެއް ހުރި މީހަކު ޓެސްޓު ކުރުމުން ކަމަށް ރަޝީދު ބުނެފައިވެއެވެ.
މާލެ އިން އިހަވަންދޫއަށް ދަތުރުކުރި މީހަކު ކޯވިޑް-19 ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ. އެގޮތުން އެރަށަށް މީހުން އަރައިފޭބުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ވަނީ މަނާކޮށްފައެވެ. އަދި 242 ބޯޓުވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އިހަވަންދޫގެ އިތުރުން 242 ބޯޓު ދަތުރުކޮށްފައިވާ ރަށްތަކަކީ ހއ. މާރަންދޫ އާއި ހދ. ވައިކަރަދޫ އެވެ. ރަޝީދު ވިދާޅުވީ މިދެރަށުންކުރެ ރަށަކަށް އެބޯޓުން އެއްވެސް މީހަކު ނުފައިބާކަމަށާއި އެދެރަށް ބޯޓު ދަތުރުކޮށްފައިވަނީ މުދާހިފައިގެން ކަމަށެވެ.
މުޙައްމަދު ރަޝީދު އިތުރަށް ބުނެފައިވަނީ މިއީ ބޮޑު ކުލަސްޓަރ އަކަށްވުން އެކަށީގެންވާކަމަށާއި 242 ބޯޓުގެ އެއްވެސް ފަރާތަކާއި ކޮންޓެކްޓް ވެފައިވާނަމަ ލަސްނުކުރައްވާ 6500284 ނަންބަރ އާއި ގުޅުއްވުން އެދޭކަމަށެވެ.
މީގެކުރިން އިހަވަންދޫ އާއި މާލެއާއި ދެމެދު ދުއްވަމުން އައި ކާވިޔާ ބޯޓުން ދަތުރުކުރި ފަރާތެއްވެސް ވަނީ ޕޮޒިޓިވް ވެފައެވެ. 15 އޭޕްރީލްގައި މާލެއިން ދަތުރުކުރި ފަރާތްތަކުގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ހއ. އުލިގަމު މީހަކާއި ހއ. ތަކަންދޫގެ ދެމީހެކެވެ. އެއާއިއެކު އެޗްޕީއޭ އިން ކާވިޔާބޯޓު މޮނިޓަރިންގ އަށް ލާފައިވަނީ އޭޕްރީލް 20 ވަނަ ދުވަހުގެއެވެ.
މިއީ އިހަވަންދޫން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
މީގެ 3 ދުވަސްކުރިން މާލެއިން ހއ. ކެލާއަށް ދަތުރުކުރި ސަވާރީ ބޯޓުގެ ކެޕްޓަން އާއި އެބޯޓުން ދަތުރުކުރި އިތުރު 9 މީހުންވެސް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހުން ޕޮޒިޓިވްވުމާއި ގުޅިގެން ހއ. ކެލާ، ހއ. ދިއްދޫ، ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަންފަރުވަނީ މޮނީޓަރިންގެ ހާލަތަށް އެޗްޕީއޭ އިން ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!