ހއ. ކެލާ އިން ކޯވީޑް ކޭސްތަކެއް ފެނިފައި ވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ މިއަދުން ފެށިގެން އާންމު ހާލަތަށް އަންނަންދެން އެ ރަށުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ކެލާ ކައުންސިލް އިދާރާއިން ހާމަ ކުރަށްވާފައި ވާގޮތުގައި އެރަށުން ގިނަ އަދަދެއްގެ މީހުން ކޯވިޑަށް ޕޮޒިޓިވް ވުމުން މިއަދު ފަތިސް ނަމާދުން ފެށިގެން އާންމު ހާލަތަށް އަންނަން ދެން އެ ރަށުގެ ހުރިހާ މިސްކިތްތަކެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު އަދި އީދު ނަމާދު މިސްކިތުގައި ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި އެ ރަށުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި، ބޭރުގައި އުޅޭ ވަގުތު އެންމެންވެސް މާސްކު ބޭނުން ކުރުމަށް ކެލާ ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުން ފިހާރަތަކާއި، ހޮޓާ އަދި ކެފޭތަކުން ޚިދުމަތް ހޯދާ ފަރާތް ތަކުން ވެސް އިތުރަށް ސަމާލުކަން ދިނުމަށާއި އެތަންތަނަށް ދިއުމުގެ ބަދަލުގައި ގެއަށް ޑެލިވާ ކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ހަމައެއާއެކު ކޯވިޑަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ކެލާ ސިއްހީމަރުކަޒުގެ ނަންބަރު 6500047 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ކައުސިންލުން އިލްތިމާސް ކުރެއެވެ.

ކެލާ ސަވާރީ ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮޒިޓިވް ވިފަހުން އެ ބޯޓުން ދަތުރު ކުރި އިތުރު 9 މީހެއް އެބަށްޔަށް ޕޮޒިޓިވް ވެފައި ވާކަން އިއްޔެ ވަނީ އެނގިފައެވެ. ސަވާރީ ބޯޓުން ދަތުރު ކުރި 10 މީހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓުން ދަތުރު ކުރި މީހުން ނިސްބަތްވާ ހަތަރު ރަށެއް އެޗްޕިއޭއިން މިހާރު ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސް ފައެވެ.

އެރަށް ތަކަކީ ކެލާގެ އިތުރުން ހއ. ވަށަފަރު، ހއ. ދިއްދޫ އަދި ހދ. ނޮޅިވަރަން ފަރެވެ.