ެހިމާޔަތްކޮށްފައިވާ ސިލްވަރބެކް މައުންޓަން ގޮރިއްލާއެއް މަރާލި މީހަކަށް 11 އަހަރުގެ ޖަލުހުކުމެ ޔޫގަންޑާގެ ކޯޓުން ކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ރަފީކީ ނަމަކަށް ކިއާމި ގޮރިއްލާއަކީ ދުނިޔެއިން ނެތެމުންދާ ސިލްވަރބެކް ގޮރިއްލާއެކެވެ.
ރަފީކީއަށް އެމީހާ ހަމަލާ ދިނީ މިދިޔަ ޖޫންމަހު ވިންޑީ އިންޕެނެޓްރަބަލް ފޮރެސްޓް ނެޝަނަލް ޕާކުގައި އިންދައެވެ. ރަފީކީއަށް ހަމަލާ ދީފައިވަނީ ތޫނު ދަނގަޑެއް ރަފީކީ ގަޔަށް ހަރާލުމަށް ފަހުއެވެ.
ފިރިހެން ނަސްލުގެ މި ގޮރިއްލާ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އެ ގޮރިއްލާ މަރާލާފައި އޮއްވާ ފެނިއްޖެ ކަމަށް ވިންޑީ އިންޕެނެޓްރަބަލް ފޮރެސްޓް ނެޝަނަލް ޕާކު އިން ވަނީ ހާމަ ކޮށްފައެވެ.
ރަފީކީ މަރާލި މީހާ ޖޫން މަހުގެ4 ވަނަ ދުވަހު ހައްޔަރު ކުރިއިރު އޭނާ ބުނެފައި ވަނީ އޭނާ އެ ގޮރިއްލާ މަރާލީ ބިރުން އޭނާއަށް ގެއްލުމެއް ދޭން އުޅޭކަމަށް ހީވެ އަމިއްލަ ރައްކަލަކަށް ކަމަށެވެ.
ރަފީކީ މަރާލިމީހާގެ މައްޗަށް ކުށްސާބިތުވެ އޭނާއަށް 11 އަހަރުގެ ޖަލުހުކުމެއް އައުމަކީ ރަފީކީއަށް އިންސާފު ހޯދާދެވުން ކަމުގައި ޔޫޑަބްލިއުއޭ ގެ ޑައިރެކްޓަ ސޭމް ވާންދާ ވަނީ ބުނެފައެވެ. އަދި މިއީ ކުށެއް ނެތް ޖަނަވާރު މަރާ އެހެން މީހުންނަށް ފިލާވަޅަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ހިމާޔަތްކޮށް ބަލަހައްޓަމުންދާ ފަރުބަދަ މަތީ ސަރަހައްދުގައި އުޅޭ ހާހެއްހާ ގޮރިއްލާ ޔޫގެންޑާ، ރުވާންޑާ އަދި ކޮންގޯގައި އުޅޭއިރު މި ގޮރިއްލާ ތަކަކީ އެ ޤައުމުތަކުގެ ފަތުރުވެރި ކަމުގެ ސިނާއަތަށް ރަނގަޅު އާމްދަނީއެއް ލިބިދިނުމުގައި ބޮޑު ހިއްސާއެއްވާ ގޮރިއްލާ ތަކެކެވެ. މި ޤައުމު ތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ގޮރިއްލާ ޓްރެކިންގ ޕާމިޓެއްގެ ގޮތުގައި 600 ޑޮލަރު ދައްކަން ޖެހެއެވެ. ރުވާންޑާގައި މި އަގު އުޅެނީ 1000 ޑޮލަރު ގައެވެ.
މިދުވަސް ވަރަކީ ދުނިޔެއަށް ބޮޑު ބަލި މަޑުކަމެއް ކުރިމަތިވެފައިވާ ދުވަސް ވަރެއްކަމުން، ދުނިޔޭގެ އެހެން މަންޒިލް ތަކެކޭ އެއްފަދައިން އެ ޤައުމު ތަކުގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!