ހުއްބޮނޑި، ކުހުރު، އުހިބޮނޑި، އާރުސް އަދި ބޭނޑި މިނަންތަކަކީ، މުޅިން އައު ނަންތަކަކަށް ވެދާނެއެވެ. ނަމަވެސް މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދަށް ތައްޔާރުކުރާ ކެއުމުގެ ޚާއްސަ ބާވަތެއްކަމުގައިވާ، "އީދު ބޮނޑި" އަށް ދެވިފައިވާ ނަން ނަމެވެ.

ރާއްޖޭގެ އެންމެ އުތުރުން ހދ. އަތޮޅުން "އެކަހެރިވެފައި" އޮންނަ ހދ. މަކުނުދޫ ގައި، އެރަށު ރައްޔިތުން ކޮންމެ އަހަރަކު އީދަށް ތައްޔާރުކުރާ "އީދު ބޮނޑީ"ގެ ވާހަކަ އަކީ ވަރަށް ޝަޢުގުވެރި ވާހަކަ އެކެވެ. މަކުނުދޫގައި ޒަމާނުންސުރެއް އީދު ބޮނޑި ހިލާ ގޮތް ދައްކުވައިދިނުމަށް މަކުނުދޫ ސުކޫލާއި "ވާސިފްފޮޓޯސް" ގުޅިގެން މިވަނީ ފޮޓޯ ސްޓޯރީއެއްގެ ގެނެސްދީފައެވެ.

Ad
rt

"ޢީދު ބޮނޑި" އެޅުމަކީ ވަރަށް ކުރިންސުރެއް މަކުނުދޫގައި ބޮޑު ޢީދާއި ގުޅިގެން ކުޅޭ ކުޅިވަރެއް، ދުވަސްވީ މީހުންގެ ކައިރިން އެޒަމާނުގައި މިކުޅިވަރު ކުޅޭގޮތް އަހައިގެން މިޒަމާނުގެ ކުދިންނަށް ދައްކާލުމަށާއި ޒަމާންތަކަށް ފެންނާނެހެން ބެހެއްޓުމަށް ކުރެވުނު މަސައްކަތެއް

މި ފޮޓޯ ސްޓޯރީ އާއި ބެހޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން މިމަސައްކަތުގައި ހަރަކާތްތެރިވި ޓީމުން ބުނެފައިވެއެވެ.

މިފޮޓޯތަކުގައި ހަރަކާތްތެރިވެފައިވަނީ މަކުނުދޫ ސުކޫލުގެ ގުރޭޑް 10 ގެ ދަރިވަރުންނެވެ. މިފޮޓޯތައް ގެނެސްދީފައިވަނީ ކޮންމެ ފޮޓޯ އަކާއި ގުޅޭ މަޢުލޫމާތުވެސް ހިމަނައިގެންނެވެ.

"ޢީދު ބޮނޑިއެޅުން" ޢީދު ބޮނޑި އަޅާގޮތް ފޮޓޯއިން

ޢީދު ބޮނޑިއެޅުމަކީ މަކުނުދޫއަށް ޚާއްސަވެގެންވާ ސަޤާފީ އާދަކާދައެއްގެ ގޮތުގައި ކުޅެވުމުން އަދާހަމައަށް އައިސްފައިވާ ކުޅިވަރެއް.

މިކަމުން ރަށުގެ މުޖުތަމަޢުގެ ފަރުދުންގެ ކިބައިގައިވާ އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިގެންދޭ. ޢީދުބޮނޑި އަޅަނީ ހައްޖުދުވަހު ނަމަވެސް މިހާރު ބޮޑިއަޅަނީ ހައްޖުދުވަހުގެ ކުރީ ދުވަހު.

މިކަމަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ އެހިސާބުގަނޑެއްގެ ގެތަކުގެ އަންހެންވެރީން އެއްވެ މަޝްވަރާތައް ކުރެވޭ. އަދި ބޮނޑިއަޅާނެ ގެއެއް އައްޔަން ކުރޭ.

އެއަށްފަހު އެއްތަނެއްގައި ހަނޑޫފެނުލާ، ހުނިގާނާ، ދަރާއި ބޮނބި އަދި ބޮނޑި އެޅުމަށް ބޭނުންކުރާ އުނިފަތް އެއްކޮށް ބޮނޑިއެޅުމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދޭ.

އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ ބޮނޑީގެ ބައިވެރިން ބޮނޑި އަޅާ ގޭދޮށަށް އެއްވެ ހަނޑޫ ފުނޑާ އެހެނިހެން މަސައްކަތްތައް ކުރަމުން ގެންދޭ.

ބޮނޑި އެޅުމުގެ ތައްޔާރީތައް ވަމުންދާއިރު ފިރިހެންވެރީން ވަރަށް ނޫންކަމަށް ހެދިގެން އެގޭދޮށުގައި ކޮޅުކޮޅަށް ކުރުކާލިކަނޑާ މަންޒަރު ފެންނަމުންދޭ.

ބޮނޑި އެޅުމުގެ ތައްޔާރީތައް ވަމުންދާއިރު ފިރިހެންވެރީން ވަރަށް ނޫންކަމަށް ހެދިގެން އެގޭދޮށުގައި ކޮޅުކޮޅަށް ކުރުކާލިކަނޑާ މަންޒަރު ފެންނަމުންދޭ.

ބޮނޑި އެޅުމުގެ މަސައްކަތް ކުރާއިރު އިންޓަވަލް ދިނުމާއި ދުފަން ދިނުމަކީ އަންހެންވެރީން އުފަލާއިއެކު ކޮށްދޭ ކަންކަން.

އަންހެންވެރީންނަށް ބޮނޑި ހިލުމަކީ އުދަނގޫ ކަމަކަށްވުމުން އެބައިމީހުންނާއިއެކު ބޮނޑި ހިލައިދޭނެ ފިރިހެނަކު ހޯދައި އޭނާއަށް ވަރަށް ފުރިހަމައަށް ޚިދުމަތްދޭ. ފިރިހެން މީހާ ބޮނޑި ހިލަން ފެށުމާއިއެކު ގިނަ ފިރިހެނުން އެބޮނޑި ހިލާ ގޭދޮށަށް އައިސް ހިލެމުންދާވަރު ބަލަމުން ގެންދޭ.

ބޮނޑި ހިލާ ނިމުމުން ހުރިހާ އަންހެނުން ވެގެން ތެލިތަކަށް ހިލި ފުށްގަނޑު އެޅުމަށްފަހު ފިހަން ތައްޔާރު ކުރޭ.

ހިލާފައިވާ ފުށްގަނޑު ގިނަ ތެލިތަކަށް ބަހާލަނީ ބޮނޑިއެއް ގެއްލިދާނެ ކަމުގެ ބިރަށް.

ތެލިތަކަށް ހިލި ފުށްގަނޑު އެޅުމަށްފަހު ގިނަ އުނދުން ތަކެއްގައި ފިހަމުން ގެންދޭ.

މިހާ ހިސާބުން ފިރިހެނުން ބޮނޑިތަކަށް ފާރަލާ، ފިހެވެމުންދާވަރު ބަލާ އަންހެނުންގެ ޚަރަކާތްތައް ވަރަށް ކައިރިން ބަލަމުންދޭ.

ބޮނޑީގެ ފުށްގަނޑު ފިހެވުމުން ވަރަށް ސިއްރުން އަންހެންވެރީން އެތަކެތި ފިރިހެނުންނަށް ނުފެންނާނެހެން ފޮރުވައި. މިހެން ފޮރުވާއިރު ފިރިހެންވެރިންނަށް އޮޅުވާލުމަށް ބޮނޑިގެ ބަދަލުގައި ހުސްތެލި ވެސް ފޮރުވާ.

ފޮރުވުމަށްފަހު ފިރިހެނުންގެ މަސައްކަތަކީ އަންހެންވެރީން ލީތަނަކުން އެ ބޮނޑި ހޯދާ އަންހެނުނަށް ނޭންގޭހެން ގެންދިއުން.

ގެންދާއިރު އެބޮނޑިއަކަށްވާ ފައިސާ ބޮނޑި ގެންދިޔަ ތަނެއްގައި ބާއްވަން ޖެހޭނެ.

ބޮނޑިއެއް ހޯދާ އެ ލިބުމުގެ އުފަލުގައި ބޮނޑި ހޯދުމުގަ އުޅުނު ފިރިހެންވެރިން އެއްވެ ބޮނޑި ކައިއުޅޭ.

އަންހެންވެރީން ފޮރުވި ބޮނޑިތައް ފިރިހެނުންނަށް ނުފެނުނުނަމަ އެބޮނޑިތައް ނަގާނީ ޙައްޖުމަހުގެ 13 ވަނަ ދުވަހުގެ އަސުރު ނަމާދު ފަހުން. އަދި ނުފެނުނު ބޮނޑިތައް އެދުވަހުގެ އަޞުރު ނަމާދަށްފަހު އެއްތާކަށް އެއްކޮށް ހަމަހަމައަށް ބޮނޑިއެޅި ބައިވެރީންނަށް ބަހާލާ!

މިއީ މަކުނުދޫ ރައްޔިތުން ޒަމާނުންސުރެ ކޮންމެ އަހަރެއްގެ ވެސް އީދަށް ތައްޔާރުކުރަމުން އަންނަ ބޮނޑި އެކެވެ. އެ ބޮނޑި، އެރަށުގައި އަޅަން ފެށުނު ޒަމާނެއް ބުނަން ވެސް އެރަށުގެ ރައްޔިތުންނަށް ދައްޗެވެ. އެ ރަށު ޒުވާނުން ބުނާ ގޮތުން މިއީ މަކުނުދޫގެ އަސްލާ ގުޅިފައިވާ ކުޅިވަރެއް ކަމުން އެ ކަމަކީ ކުރިއަށް އޮތް ތަނުގައި ވެސް އެ ރަށުން ފަނޑުވުމެއް ނެތި ފެންނާނޭ ކުޅިވަރެކެވެ.

މަކުނުދޫގައި އީދު ބޮނޑި ތައްޔާރުކޮށް ފޮރުވާ ގޮތާއި، ކުޑަކޮށް ތަފާތު ނަމަވެސް ޒަމާނުއްސުރެ ބޮޑުތިލަދުންމަތީގެ ރަށްރަށުގައި ޢީދާއި ގުޅިގެން ބޮނޑި ފޮރުވުމުގެކަންކަން މިފަދަ ގޮތަކަށް ކުރެއެވެ.