އެކަކު އަނެކަކަށް މަޢާފުކޮށް، އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރަށް ވައިފިއެވެ.
ރައީސް ސޯލިހު މިގޮތަށް އިލްތިމާސް ކުރެއްވީ އަލްހާ އީދުގެ ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި ޚިޠާބުގައެވެ.
އެ ޚިޠާބު ރައީސް ވިދާޅުވީ އަޟްޙާ ޢީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ޤުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެއް ކަމަށެވެ. އަދި މިއީ ޤައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ ޙާލަތުގައި، ވަކިން ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކަންކަމެވެ.
"މިއީ މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ ޢީދެކެވެ. އެހެންކަމުން ޙައްޖުގެ މަތިވެރި އަޅުކަމާއި، އަޟްޙާ ޢީދާ ގުޅިފައިވާ މިފަދަ މަތިވެރި ޙިކްމަތްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މަޢާފުކޮށް، އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ."
ރައީސް ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ އަޟްޙާ ޢީދު ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައި ކަން ފާހަގަ ކުރަށްވައި ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަންތަކަށްވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަޙައްމަލް ކުރަމުން މިދަނީ، ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށެވެ. ނަމަވެސް، މިފަދަ ދުވަސްވަރެއްގައި އުފާވެރި ޢީދަކާ ބައްދަލުވުމީ، ކޯވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅު ވެފައެވެ.
"ދިރިއުޅުމުގެ ޢާންމު އާދަކާދަތަކާ މުޅިން ޚިލާފަށް އުޅެންޖެހިފައިވިޔަސް، ޢާއިލީ ގުޅުންތަކާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގެ ފުރުޞަތުތައް ތަނަވަސްވެފައި އެބައޮތެވެ. ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ޙަފްލާތައް ނުބޭއްވުނަސް، ޢާއިލާގެ މީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، މިފަދަ މުނާސަބަތެއްގައި ނުހަނު ބޭނުންތެރި ކަމެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ހިމެނޭ، ޢުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީޢާއިންވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ."
ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޚިޠާބުގައި ވަނީ މިހާރު ތަޖުރިބާ ކުރަން ޖެހިފައި މިވާ، އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިއުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލަށްވާ ފައެވެ.
އިޖުތިމާޢީ ގައިދުރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމާއެކު، ޢާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރެއްވުމަކީ، ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަ ކުރަށްވައި، މިކަމުގައި ކާމިޔާބު ލިބޭނީ، ކޮންމެ ރައްޔިތަކު ވެސް ޒިންމާދާރު ކަމާއިއެކު ފަރުދީ ޒިންމާ އަދާ ކުރައްވައިގެން ކަމަށް ރައީސް ވަނީ ޚީޠާވުގައި ފާހަގަ ކުރަށްވާ ފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!