ހއ. ކެލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ، ށ. ފުނަދޫގައި ޤާއިމުކޮށް ފައިވާ ޒޯން 1 ގެ ކޯވިޑް-19 އަށް ފަރުދޭ މަރުކަޒު، ށ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދޭން ފަށާފައި ވައިވާ، ހއ. ކެލާގެ މި މީހާއަކީ އެ ރަށާއި، މާލެއާއި ދެމެދު ދަތުރުކުރާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ.

Ad
rt

ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި މީހާ ކޯވިޑަށް ޓެސްޓް ކުރީ ބަލީގެ އަލާމާތް ހުރުމުން ކަމަށެވެ. މިގޮތުން ފުރަތަމަ ނެގި ސާމްޕަލް ނެގިޓިވް ވި ކަމަށާއި، ޕޮޒިޓިވް ވިކަން އަންގާފައި ވަނީ ދެ ވަނައަށް ނެގި ސާމްޕަލް ކަމަށް އެނާ ވިދާޅުވިއެވެ.

އޭނާގެ ކޯވިޑަށް ޓެސްޓް ކުރުމަށް ނެގި ދެވަނަ ސާމްޕަލް ޕޮޒިޓިވް ވިކަން އެރަށަށް އަންގާފައި ވަނީ ރޭގައި ކަމަށް ވެސް ގުފްރާން ވިދާޅު ވިއެވެ.

އެ ރަށުން ކޯވިޑަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅގެން އެ ރަށުގެ 7 ގެއެއް ކަރަންޓީން ހާލަތަށް ވަނީ ގެންގޮސްފިއެވެ. ކެލާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ރަށުން ކޯވިޑް ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދިރިއުޅޭ ތަންތަން ކަރަންޓީން ކުރުމުގެ ގޮތުން އެރަށުގެ 7 ގެއަކާއި ބޯޓެއް ކަރަންޓީންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެމީހާއަށް ފަރުވާ ދޭން ފެށުމާއި ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނީ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ކޯވިޑް-19 ގެ ފުރަތަމަ ބަލި މީހާ މިއަދު އެޑްމިޓް ކުރެވި، އެ ފެސިލިޓީގެ ޚިދުމަތް މިއަދު ފަށާފައި ވާކަމަށެވެ. އެ ސެންޓަރުގެ ޚިދުމަތް ފެށުނު ނަމަވެސް، ށ. އަތޮޅު ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ޚިދުމަތްތައް ފޯރުކޮށް ދެމުން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކޯވިޑް ފެސިލިޓީގެ ޚިދުމަތާއި، އެ ހޮސްޕިޓަލުން ދެމުންދާ އާންމު ޚިދުމަތް ތަކަކީ، މުޅިން ވަކިން ދެވެމުންދާ ތަފާތު ދެ ޚިދުމަތެއްކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އެ ޚިދުމަތްތައް ދެވެމުން ދާނީ އާންމު ރައްޔިތުންނާއި، ހޮސްޕިޓަލްގެ މުވައްޒަފުން ގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 3369 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 792 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2547 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 74،107 ސާމްޕަލެއް ނަގާފައިވާއިރު، އައިސޮލޭޝަން ގައި 602 މީހުން ތިބި އިރު، ކަރަންޓީނު ފެސިލިޓީގައި މިވަގުތު މީހަކު ނެތެވެ.