ތަފާތު ގޮތްގޮތަށް ފޮޓޯއެއްނަގައި، އެ އެހެން މީހުންނަށް ހިއްސާކޮށްލުމަކީ މާބޮޑު އުފަލެއް ގެނުވާކަމަކަށް މިއަދު މިވަނީ ވެފައެވެ. ސޯޝަލް މީޑީއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ތަފާތު ވިސްނުންތަކުގެ މައްޗަށް ނެގިފައިވާ ތަފާތު ހިތްގައިމު ފޮޓޯތައް ކޮންމެ ދުވަހަކު ވެސް ފެންނަމުންދެއެވެ. އިންސަޓަގްރާމްގެ ސްޓޯރީތަކުންނާއި ފޭސްބުކް ޕޯސްޓުތަކުންނާއި ވައިބާރ ގުރޫޕްތަކުގެ އިތުރުން ޓްވިޓަރ އެކައުންޓް ތަކުންނެވެ.

މި ހިއްސާކޮށްލާ ފޮޓޯތަކަކީ ވެސް ފޭސްބުކުން ފެނުނު ވަރަށް ތަފާތު ފޮޓޯތަކެކެވެ. ހއ.ބާރަށު ދެކުނު ޒުވާނުންގެ ގުރޫޕަކުން ނަގާފައިވާ މި ފޮޓޯތަށް ފެނި ކިޔުންތެރިންނާ ހިއްސާކޮށްލުމުގެ ޝައުޤުވެރިކަން އުފެދުނީ މި ފޮޓޯތަށް ހަމަ ތަފާތުވުމުންނެވެ.

Ad
rt

މި ފޮޓޯ ކަލެކްޝަންގައި ފެންނަ ފަސް ފޮޓޯވެސް ނަގާފައިވަނީ އެއް ސައިކަލެއްގެ މަތީގައެވެ. ފުރަތަމަ 2015 ވަނަ އަހަރު ނަގާފައިވާ ފޮޓޯގައި ޖުމްލަ 7 ޒުވާނުން ހިމެނޭއިރު ކޮންމެ އަހަރަކު ވެސް ފޮޓޯއަށް އެކަކު އިތުރުވަމުން ގޮސްފައިވެއެވެ.

މިގޮތުން 2016 ވަނަ ފޮޓޯގައި 8 ޒުވާނުން، 2017 ވަނަ އަހަރުގެ ފޮޓޯގައި 9 ޒުވާނުން، 2018 ވަނަ އަހަރުގެ ފޮޓޯގައި 10 ޒުވާނުން އަދި 2019 އަހަރުގެ ފޮޓޯގައި 11 ޒުވާނުން އަދި މިހިނގާ 2020 ވަނަ އަހަރު ނަގާފައިވާ ފޮޓޯގައި ޖުމްލަ 12 ޒުވާނުން ހިމެނޭކަން ފާހަގަކުރެވެއެވެ.

ޖުމްލަ ގޮތެއްގައި އެއް ޒުވާން މޫނުތަކެއް ހިމެނުނަސް ކޮންމެ ފޮޓޯއެއްގައި ވެސް ތަފާތުބަޔަކު ހިމެނެމުން އަންނަ މި ފޮޓޯތަކާއި ގުޅޭގޮތުން ބައެއް މަޢުލޫމާތު ވެސް ހޯދާލީމެވެ. ބާރަށު ދެކުނު ޒުވާނުން މަޢުލޫމާތު ދިންގޮތުގައި މި ފޮޓޯތައް އާންމުކޮށް ނަގަމުން އަނަނަނީ އެއް ދުވަސްވަރެއްގައެވެ. އެ ދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް ފިތުރު ޢީދު ދުވަހަށް، ޢީދު ހުޅުޖެހުން ފަދަ ހަރަކާތްތަކަށް ތައްޔާރުވަމުން އަންނަ ދުވަސްވަރެވެ.

ފުރަތަމަ މި ފޮޓޯނަގާފައިވަނީ މަޖަލަކަށް ކަމަށާއި ނަމަވެސް މި ފޮޓޯތަށް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ލިބުނު ތަރުހީބު ބޮޑުވުމުން ކޮންމެ އަހަރަކު ވެސް މި ފޮޓޯނަގަން ހުރިހައި ކުދިންވެސް ޝަޢުޤުވެރިކަން ބޮޑުވެފައިވާކަން އެ ޒުވާނުން ފާހަގަކޮށްފައިވެއެވެ. މި ފެންނަ ފޮޓޯތައް ނެގިފައިވަނީ ކޮންމެ އަހަރަކު ވެސް ތަފާތު ތަނެއްގައެވެ.

މިފަދަ ވިސްނުމެއްގެ މައްޗަށް ބިނާކޮށް ފޮޓޯއެއް ނަގަން ބޭނުން ނަަމަ އަމިއްލަ ރައްކާތެރިކަމަށް ވިސްނުމަކީ މުހިންމު ކަމެކެވެ. ލިބިދާނެ ގެއްލުމަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ގޮތުގައި އެ ޒުވާނުން ފާހަގަކޮށފައިވެއެވެ.