މާދަމާއިން ފެށިގެން ކޭއާރުއެޗްގައި މެމޯގުރަފީގެ ހިދުމަތް ފަށަނީ

photo_2020-07-17_07-50-27

މާދަމާއިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެމޯގުރަފީގެ ހިދުމަތް ފެށިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލްގައި މެމޯގުރަފީގެ ހިދުމަތް ފެށިގެން ދިޔުމުން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މި ހިދުމަތް ހޯދަން އުފުލާ ތަކުލީފަށާއި ޖީބަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށާއި، އަދި ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ދެމުންދިޔަ ދަތުގެ ކުލިނިކްގެ ހިދުމަތް ގާތްގަނޑަކަށް ހައެއްކަ މަހުގެ މެދުކެނޑުމަކަށްފަހު މިމަހުގެ 2 ވަނަ ދުވަހު އަލުން އެކުލިނިކުން ހިދުމަތް ދޭންވެސް ވަނީ ފަށާފައެވެ. މި ޚިދުމަތް އަލުން ފަށާފައިވާއިރު ދަތާގުޅޭ ތަފާތު 8 ހިދުމަތެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިގޮތުން ދަތުގެ މަދުނަގާ ސާފުކޮށް ފުޓުނި އެޅުން، ވަގުތީ ފުޓުނި އެޅުން، ދާއިމީ ފުޓުނި އެޅުން، އަނގައިގެ ކުދި އޮޕަރޭޝަންތައް ކުރުން، ދަތުގެ އެކްސްރޭ ނެގުން، ދަތްނެގުން، އަދި ދަތް ދޮވެ ސާފުކޮށް އޮމާންކުރުން ހިމެނެއެވެ. މީގެތެރޭން އެންމެ ގިނަބަޔަކު ބޭނުންވާ ދެހިދުމަތަކީ ދާއިމީ ފުޓުނި އެޅުމާއި މަދުނަގާ ސާފުކޮށް ފުޓުނިއެޅުން ކަމުގައި އެހޮސްޕިޓަލުން ކުރިން ވަނީ ބުނެފައެވެ.

އުތުރުގެ މައި ހޮސްޕިޓަލް ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާއިރު މިހާރުވެސް ދަނީ އެ ހޮސްޕިޓަލްގައި ދެބުރިއަށް 30 އެނދުގެ ވާރޑް އިމާރާތެއް އެޅުމާއި، އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރު ހއ. ހދ. އަދި ށ. އަތޮޅުގެ ރައްޔިޔުން ޚިދުމަތް ލިބިގަންނަ މައި ހޮސްޕިޓަލެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *