އިންޑިއާގެ ބައިވެރިވުމާއި ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް މީޑިއާއަށް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމުން މި މަޝްރޫޢުގެ ކޮންސަލްޓެންޓުން ރާއްޖެ އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައިވެސް ވަނީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމަށް ބުނެފައެވެ.
އިންޑިއާ އާއި ރައްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ވަނީ ނިންމާފައެވެ. އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.
ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.
ކޯވިޑް-19 ގެ ބަލި މަޑުކަމާއި ޖެހެންދެން ހަނިމާދޫ މަގުން އިންޑިއާއަށް ކުރަމުން އައި އިންޓަރނޭޝަނަލް ދަތުރުތައް އައީ ބާއްވަމުންނެވެ. ހަނިމާދޫ މަގުން އިންޑިއާގެ ޓްރެވެންޑްރަމަށާއި، ކޮޗިންނަށް ދަތުރުތައް ބާއްވާފައި ވެއެވެ.
ފަށަން ހަމަޖެހިފައިވާ ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!