އަރަބި ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓުކުރުމަށްޓަކައި މާލްދީފް ގުރޫޕުން ޙާއްސަ ވެބްސައިޓެއް ލޯންޗްކުރުމަށް ތައްޔާރުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ މާކެޓެއްކަމަށްވާ މެދުއިރުމައްޗާއި އަރަބި ބަހުން ވާހަކަ ދައްކާ ފަރާތްތަކަށް އަމާޒުކޮށްގެން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް މާލްދީފް ގްރޫޕުން ޚާއްސަ މަސައްކަތްތަކެއް ފެށުމަށް ނިންމައިފިއެވެ.

Ad
rt

މާލްދީފުން މައުލޫމާތުދޭ ގޮތުގައި އަންނަ ބުދަ ދުވަހު ވަނީ މާލްދީފްގެ އަރަބި ވެބްސައިޓާއި، އެ ގްރޫޕްގެ އަރަބި ބަހުގެ ސޯޝަލް މީޑިޔާ އެކައުންޓްތައް ލޯންޗްކުރުމަށް ހަމަޖެހިފައެވެ. މި ވަސީލަތްތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލްޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ސިނާއަތުގައި ހިމެނޭ ތަފާތު އެކި އެކި ކަންކަން އަރަބިންނާއި ހަމައަށް ގެންދެވޭނެ ކަމަށް އެ ގްރޫޕުން އުންމީދު ކުރެއެވެ.

މިއީ އަރަބި ބަހުން ޚާއްސަކޮށްގެން ދިވެހިރާއްޖެ މާކެޓްކުރުމަށް އަމިއްލަ ފަރާތަކުން މިހާތަނަށް ފަށާ އެންމެ ބޮޑު މަަސައްކަތްކަން ފާހަގަކޮށްލެވެއެވެ. މާލްދީފް ގްރޫޕުން ވަނީ އެފަރާތްތަކުގެ މަސައްކަތުގައި އަރަބި ދުނިޔޭގެ ގުޅުންތަކުގެ ބޭނުން ހިފުމަށްވެސް ނިންމާފައެވެ.

މާލްދީފް ގްރޫޕުން ބުނިގޮތުގައި އެ ގްރޫޕްގެ އަމާޒަކީ އަރަބި ބަހުން ވާހަކަދައްކާ އެންމެ އާދައިގެ މީހާއަށްވެސް، ދިވެހިރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގައި ޒިޔާރަތްކުރުމަށް ބޭނުންވާނެ މައުލޫމާތުތައް ފަސޭހައިން ފޯރުކޮށްދިނުމެވެ.

މިއީ ދިވެހިރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވާ ފައްޓަވާފައިވާ މަސައްކަތެކެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ވެބްސައިޓް ލޯންޗްކުރަން ނިންމާފައިވަނީ މާދަމާކަމަށާއި މިއީ ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލް ޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ޞިނާޢަތުގައި ހިމެނޭ ކަންކަން ޢަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށެވެ.

"މިއީ ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލްޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ޞިނާޢަތުގައި ހިމެނޭ އެންމެހާ ކަމަކެއް ޢަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ ކަމެއް. ޢަރަބި ބަހުން ވާހަކަ ދައްކާ 500 މިލިއަން މީހުން އުޅޭ. އަމާޒަކީ ގިނަ ޢަދަދެއްގެ ޢަރަބިންގެ ހިތްޤާއިމު މަންޒިލަކަށް ރާއްޖެ ހަދައި ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް އެހީވުން."

ޑރ ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ، މި ވެބްސައިޓްގެ އަމާޒަކީ ގިނަ ޢަދަދެއްގެ ޢަރަބިންގެ ހިތްޤާއިމު މަންޒިލަކަށް ރާއްޖެ ހެދުންކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް އެހީވުމަކީވެސް މި ވެބްސައިޓް ލޯންޗްކުރުމުގެ ބޭނުމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

އަރަބި ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މި ވެބްސައިޓް ލޯންޗްކުރަނީ ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާ ދުވަހުއެވެ. ވެބްސައިޓް ލޯންޗުކުރުމަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދާއިރު މި އިވެންޓް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރާނެއެވެ.