ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކަމަށް ބުނެ އިއްޔެ މުޒާހަރާކޮށް، ފުލުހުންނަށް ހަމަލާ ދިން ހަމަނުޖެހުމުގެ ތެރެއިން ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ބިދޭސީން އިއްޔެ ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ބަޔަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad
rt

އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ވަނީ 41 ބިދޭސީއަކު ހައްޔަރުކޮށްފައެވެ. މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމާއި ގުޅޭގޮތުން ރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ ހެނދުނު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެންޖެހޭ މުސާރަ ނުލިބޭ ކަމަށްބުނެ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ކުރި އިހުތިޖާޖަކާއި ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާއި ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

އެގޮތުން މި ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލހުން ބުނީ މިކަމާއި ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާކަމަށެވެ.

މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.