ހަނިމާދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެކަމުގައި ހުރި ބައެއް ހިތްތަމަނުޖެހުންތަކާއި ގުޅިގެން ހަނިމާދޫގެ ޒުވާނުން ނުކުމެ އެކަމުގައި ރައްޔިތުންނަށް ދަތިވާ ކަންތައްތައް އިސްލާހުކުރުމަށް ގޮވާލައި އަޑު އުފުލައިފިއެވެ.

މިއަދު މި މެންދުރުގެ ވަގުތުގައި މި އެއްވުން ބާއްވާފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑު ކައިރީގައިވާ ކާނޭޝަން މަގުގައެވެ. މި އެއްވުމުގައި އެ ޒުވާނުންވަނީ މަގުހެދުމުގައި ހުރި ހިތްހަމަނުޖެހުންތައް ހާމަކުރުމުގެ ގޮތުން މެސެޖްތައް ލިޔެފައިވާ ބޯޑުތަކެއް ބޭނުންކޮށްފައެވެ. މި އެއްވުމުގައި ބައިވެރިވި ޒުވާނުން އެންމެ ބޮޑު ނުތަނަވަސް ކަމެއްގޮތުގައި ފާހަގަކޮށްފައިވަނީ ރަށުގެ ބައެއް މަގުތަކުގައި ޖަހާ ފުޅާ ޑިވައިޑާގެ ސަބަބުން މަގުގެ ޖާގަކުޑަވުމެވެ.

Ad
rt

މިއަދު އެއްވުމުގައި ބައިވެރިވި ޒުވާނުން ބުނެފައިވަނީ މި އެއްވުމަކީ އެއްވެސް ސިޔާސީ މަގުޞަދެއް ހާސިލު ކުރުމަށް ބޭއްވި އެއްވުމެއް ނޫންކަމަށާއި، މިއީ އެ ޒުވާނުން ދިރިއުޅޭ ރަށައްވެފައި އަދި އެ ޒުވާނުން ބޭނުން ކުރަންޖެހޭ މަގުތަކަށް ވެފައި އެތަނުގައި ކަމެއް ގޯސްކޮށްދާނަމަ އެކަމުގެ ގެއްލުން ރަށުގެ ހުރިހާ އެންމެންނަށް ވެސް ކުރާނެކަމަށެވެ. ވީމާ މަގުގެ ޖާގަގެއްލޭފަދަ ގޮތައް މަގުގެ މެދުގައި ރޯޑު ޑިވައިޑާ ނުޖެހުމަށް އެ ޒުވާނުން ގޮވާލާފައި ވެއެވެ.

މިއަދު އެއްވުމުގެ ބައިވެރިން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވާ ބައެއް މެސެޖްތަކުގެ ތެރޭގައި "ތިމަންނަމެން ތަރައްޤީ އާއި ދެކޮޅޫ ނޫން ކަމަށާއި، އަދި ސަރުކާރާ ވެސް ދެކޮޅު ނޫން ކަމަށާއި، މަގުތަށް ހެދުމުގައި ރައްޔިތުންގެ އަޑު އެހުމަށާއި، މަގުގެ ޖާގަގެއްލޭފަދަ ގޮތަށް ފުޅާ ޑިވައިޑާ ނުޖެހުމަށް" އެ ބޯޑުތަކުގައި ލިޔެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަނިމާދޫ ކައުންސިލުންވަނީ އެކިފަހަރުމަތިން ހަނިމާދޫގެ މަގުތައް ހެދުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިނިސްޓްރީއަށް ހުށައަޅާފައެވެ. ނަމަވެސް އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައިނުވާކަމަށް ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ. މިގޮތުން މިހިނގާ ޖުލައި ހަވަނަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އަށް މިކަމާއި ގުޅިގެން ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ "ތިލަދުން" ނޫހަށް ވަނީ ލިބިފައިވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ "ކާނޭޝަން މަގާއި، ނިކަގަސް މަގާއި، ރެހެންދި ހިނގުމާއި އަދި އަމީނީމަގު، ޑިވައިޑަރ ޖަހައިގެން މަގުހަދައިފިނަމަ އެމަގުތަކުގެ އެއްވެސް ބޭނުމެއް ނުހިފި މަގުތައް ބަންދުވާނެއަތީއާއި، މިރަށަކީ އެއްގަމުގައި ދުއްވާ ގިނަ އުޅަނދުފަހަރު ހުރި އަދި ތަރައްޤީގެ ގިނަމަސައްކަތެއްކުރާ ރަށަކަށްވެފައި އެމަސައްކަތް ތަކުގައި ބޭނުންކުރާ ވެހިކަލްތަކާއި، މިކައުންސިލުގެ ވޭސްޓް މެނޭޖްމަންޓްގައި ބޭނުންކުރާ ވެހިކަލްތަކާއި، ޚާއްޞަކޮށް އެމްބިއުލާންސް މިމަގުތަކުގައި ދުއްވޭނެ އެއްވެސްގޮތެއް ނޯންނާނެއަތީއާއި، އަދި މިމަގުތައް ގުޅިފައިވަނީ ރަށުގެ މުހިއްމު ތަންތަން ކަމުގައިވާ ކުޅިވަރު ދަނޑުތަކާއި، ޞިއްޙީމަރުކަޒު، ސްކޫލް، ކައުންސިލްގެ އިދާރާ، ވޭސްޓް މެނޭޖްމަންޓް، އުޅަނދުފަހަރުގެ ގަރާޖާއި،އަދި ރަށުގެ ކާރޫ ބާރޫ ބޮޑެތި މަގުތަކަށްވެފައި މިމަގުތަކުގެ ދެފަރާތު ޕޭމަންޓާއި، މަގުމެދުގައިޖަހާ ޑިވައިޑަރ ޖެހުމުންހަތަރު ފުރޮޅުލީ ހުރިހާ ވެހިކަލްތަކެއް ބަންދުވެ އަދި މަގެއްގެ އަރިމަތީ ސައިކަލް، ބައިސްކަލް ފަދަ ކުޑައުނދެއް ކިތަންމެ ބަލައިގެން ޕާކުކުރި ނަމަވެސް ވެހިކަލަކަށް މަގުގައި ނުދުއްވޭނެއަތީ މި މަގުތަކުގައި ޑިވައިޑަރ ނުޖަހާ މަގުހައްދަވައި ދެއްވެވުން އެދި އާދޭހާއިއެކު ދަންނަވަމެވެ."

އިތުރަށް ބުނެފައިވަނީ މި މަގުތަކުގައި ޖަހާ ޑިވައިޑަރއާއި، ޕޭމަންޓާއި އަދި މިނޫންވެސް ކަންކަމުގައި ތިޔަ މިނިސްޓްރީ ގައި ދަންނަވާ އެއްވެސް ލިޔުމަކަށް ޖަވާބު ނުލިބިއޮތުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މި މަގުތަކުގެ ޑިވައިޑަރ ނުޖަހާގޮތަށް ހަމަޖައްސަވައިދެއްވާ ރައްޔިތުންނަށް ބުރަ ތަކުލީފަކަށް މިކަންނުވާނޭގޮތަކަށް މަގުތައްހައްދަވައި ދެއްވެވުން އެދޭ ކަމުގައި އެ ސިޓީގައި ބުނެފައި ވެއެވެ.