ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ވަމުންދާތީ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ފޮޓޯތަކާއި އެ ކަނޑޫފަލުން ލިބޭ ކަނޑޫތަކަށް މިހާރުކޮށްފައިވާ އަސަރު ތަޅުމުގައި ދައްކާލެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީއެވެ.

މަޖިލީހުގައި ނޭކުރެންދޫ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރ ރާޢީ ވަނީ ކަނޑޫފަލުން މިހާރު ލިބޭ ކަނޑޫތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ވެސް އަރުވާފައެވެ.

Ad
rt

ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އެރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ރާއީ ވިދާޅުވީ ނޭކުރެންދޫގައި އޮތް ކަނޑޫފާއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމަށާއި އެ ތަން ހަލާކުވަމުންދާ ކަމަށެވެ.

“ހަމައެކަނި ކަނޑޫ ހަލާކުވަމުން ދަނީ. 10،000 ގަސް ހަލާކުވެއްޖެ. މިހިރީ އިއްޔެ އެ ރަށުން ގެނައި ކަނޑޫ، މި އެއްޗެއްސަށް އައިސްފައި ހުރި ބަދަލު ބައްލަވައި ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،”

އެ ކަނޑޫފަލުގައި ހުރި 10،000 ގަސް ހަލާކުވެފައިވާ ކަމަށް ވިދާޅުވެ، އެތަނުގެ ހާލަތު އޮތް ގޮތުގެ ފޮޓޯއެއް ރާއީ ވަނީ ދައްކާލައްވައިފައެވެ.

ރާއީ ވަނީ މަޖިލީހުގެ ޖަލްސާއަށް ނޭކުރެންދޫ ކަނޑޫފަލުން ގެނެސްފައި ހުރި ކަނޑޫތަކެއްވެސް މަޖިލީހުގެ ރައީސް އަށް އަރުވާފައެވެ. އޭގެ ތެރެއިން އެއް ޕެކެޓުގައި ފެންނަނީ ފެހި ކުލައިގެ ކަނޑޫތަކެކެވެ. އަދި ދެ ވަނަ އަށް ހުރި ޕެކެޓުގައި ފެންނަނީ މަޑު މުށިކުލައެއްގައި ހުރި ކަނޑޫތަކެކެވެ. ރާއީ ވިދާޅުވީ މި ތަކެއްޗަށް ވެފައި ހުރި ބަދަލުތައް ބައްލަވައި ދެއްވުމަކީ ދާއިރާ ތަމްސީލު ކުރާ މެންބަރެއްގެ ހައިސިއްޔަތުން އަދި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

ރާއީ ވިދާޅުވީ މިކަމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާ ބައްދަލު ކުރައްވަން މިއަދު ހަމަޖެހިފައިވާ ކަމަށާއި މައުލޫމަތު ލިބިފައިވާ ގޮތުގައި މިނިސްޓްރީގެ މާހިރުންގެ ޓީމެއް އެ ރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

"އެކަމަކު، އަޅުގަނޑުމެންނާއި ނޭކުރެންދޫ ރައްޔިތުން ވެސް ނޭދޭ މައްސަލަ ބަލާފައި އަނެއްކާ ވެސް އެ ބާއްވާފައި ސުރުހީއަކަށް ވެގެން ދާކަށް. މައްސަލަ ބަލާފައި އަޅުގަނޑުމެންނަށް ހައްލު ބޭނުންވޭ،"

ކަންބޮޑުވުންތައް ހިއްސާކުރަމުން ރާޢީ ވިދާޅުވިއެވެ.

ރާއީ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ކަނޑޫފަލުން ލިބެންވާ މަންފާ ނުލިބެން ރައްޔިތުން ބޭނުމެއް ނުވާނެއެވެ. އަދި މި ކަނޑީފަލަކީ ކޮންމެފަހަރެއްގެ ވެރިކަމާއި ވޯޓާއި ގުޅިފައިއޮންނަ ކަނޑޫފަލެއް ކަމަށެވެ. އެގޮތުން މިކަނޑޫ ފަލަށް ހިމާޔަށް ދިނުމަށް އާދޭހާއި އެކު ދެންނެވިއެވެ.

ރާއީގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެދިލެއްވީ ރާއީ މަޖިލީހަށް ގެންދެވި ކަނޑޫތައް ރައީސްގެ އަތްޕުޅަށް އެރުވުމަށެވެ. ރައީސްގެ އިތުރުން މަޖިލީހުގެ އެންވަރަމެންޓް އެންޑް ކްލައިމެޓް ކޮމެޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެންބަރ އަޙްމަދު ސަލީމްއަށްވެސް ވަނީ މީގެ ކަނޑޫ އަރުވާފައެވެ.

ހަޤީގަތުގައި މިއީ އިންޑިޔާކަނޑުގައި އޮތް އެންމެ ބޮޑު މެންގްރޫވް، ފޮރެސްޓް، ފެހި ކުލަ އިން ފެންނަ ކަނޑުލަކީ ރަނގަޅަށް ހުންނަ އިރުގެ ކަނޑޫ، މަޑު މުށިކުލައިގެ ކަނޑުލަކީ މިހާރު ނޭކުރެންދޫ އިން "ހިތާމައާ އެކު" ފެންނަ ކަނޑޫ

މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.