ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮންޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ އާރުސީސީގެ އަގުވެއްޓޭ ގޮތަށް، އެ ކުންފުނީގެ ބިދޭސީ މުވައްޒަފުން މުޒާހަރާ ކުރަމުންދާ ކަމަށް ބުނެ ޚަބަރު ފަތުރާފައި ވަތީ، އެމްވީ ކްރައިސިސް އާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި ދަޢުވާ ކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޚަބަރުތައް ގެނެސްދޭ އެމްވީ ކްރައިސިސްގެ ޓެލެގްރާމް ޗެނަލްގައި މިރޭ 20:53 ގައި ހިއްސާކޮށްފައިވާ ފޮޓޯއެއްގައި އާރުސީސީގެ ގިނަ މުވައްޒަފުންތަކެއް މާލޭގެ މަގެއްގެ މަތީގައި ތިއްބައި ފެނެއެވެ. އެ ފޮޓޯ ހިއްސާ ކުރަމުން އެ ޗެނަލުން ބުނެފައިވަނީ " ކާނަލް ނާޒިމްގެ އާރުސީސީގެ މުވައްޒަފުންވެސް މިރޭ މުޒާހަރާ ކޮށްފި" ކަމަށެވެ.

Ad
rt

މި ޚަބަރާއި ގުޅިގެން އާރުސީސީއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުން މާފަންނު ފޮޓޯ ފްރެންޑް ކައިރީ ކިއުގައި ތިބީ އެ މުވައްޒަފުންގެ ވީކް ވިސާ ހައްދަން ބޭނުންވާ ފޮޓޯ ނެގުމަށް ކަމަށެވެ.

އެމްވީ ކްރައިސިސްއިން އެ ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަނީ ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ޚަބަރެއް ކަމަށާއި، އެ މައްސަލާގައި އެމްވީ ކްރައިސިސްއާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި، ދައުވާވެސް ކުރާނެ ކަމަށެވެ.

މިދުވަސްވަރު ވަނީ ބިދޭންސީންނަށް މުސާރަ ނުދިނުމުގެ ބައެއް މައްސަލަތައް ފެންމަތިވެފައެވެ. އެ ގޮތުން މިއަދު ވަނީ ހުޅުމާލޭގައި ފުލުހުންގެ ފުލެޓްތައް އަޅާ ކުންފުނިން، އެ ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭކަމަށް ބުނެ، ހުޅުމާލޭގައި މުޒާހަރާ ކޮށް، ފްލެޓްތަކަށާއި، ތަކެއްޗަށް ގެއްލުންދީފައެވެ.

މީގެއިތުރުން މިމަހު ދެވަނަ ދުވަހު މުސާރަ ނުދިނުމުގެ ނުތަނަވަސް ކަމުގައި، ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި އެރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ 190 ވަރަކަށް ބިދޭސީ މުވައްޒަފުން ވަނީ ދިވެހިންތަކެއް ރަހީނުކޮށްފައެވެ.