މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ

photo_2020-06-27_08-50-17

ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ލިބިއްޖެއެވެ.

ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު ގެ 2019 ވަނަ އަހަރުގެ އެންމެ އިތުބާރުކުރެވޭ އެއަރލައިންގެ އެވޯޑް ހާސިލް ކުރި އެއަރލައިން ތަކުގެ ތެރޭގައި މޯލްޑިވިއަން ހިމެނިފައިވާކަން ޢިއުލާންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މޯލްޑިވިއަންއަށް މި އެވޯޑު ލިބިފައިވަނީ އޯޝޭނިއާ ކެޓަގަރީގެ ޑޭޝް 8 – 100/200/300 ގެ ކެޓަގަރީއިންނެވެ. ޑޭޝް 8، 8-400 ކެޓަގަރީގެ އެވޯޑް ހާސިލްކޮށްފައި ވަނީ ތައިލެންޑްގެ ޑޮމެސްޓިކް އެއަރލައިނެއް ކަމަށްވާ ނޮކް އެއަރއެވެ.

މިއަހަރުގެ އެވޯޑުތަކާއި ގުޅޭގޮތުން ޑި ހެވިލޭންޑުގެ ސީއީއޯ ޓޮޑު ޔަންގު ވިދާޅުވީ، ޑޭޝް 8 މަރުކައިގެ މަތިންދާ ބޯޓުގެ މަޤްބޫލުކަން ދަނީ އިތުރުވަމުން ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތުގައިވެސް ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޝް-8 މަރުކައިގެން މަތިންދާ ބޯޓުތައް އޮޕަރޭޓަރުން ބޭނުންކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ އެވޯޑު ދިނުމުގެ ހަފްލާ ކުރިއަށްގެންގޮސްފައިވަނީ އޮންލައިކޮށެވެ.

ކޯވިޑްގެ ހާލަތުގައިވެސް މޯލްޑިވިއަނުން ދަނީ މުހިންމު ޤައުމީ ޚިދުމަތްތަކެއް ފޯރުކޮށް ދެމުންނެވެ. މިގޮތުން ޤައުމަށް ބޭނުންވާ ކާގޯ ބޭރުން ގެނައުމުގެ މަސައްކަތާއި، ބޭރު ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެ އެއަރލައިނުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން އަތޮޅުތަކަށް ބޭނުންވާނެ ސާމާނު އުފުލައި ދިނުމާއި، މިނޫންވެސް ގިނަ އެހީތެރިކަމެއް އެ އަރލައިންނުން ވަނީ ފޯރުކޮށް ދީފައެވެ.

މޯލްޑިވިއަންގެ އުދުހުންތަކުގައި ޑޭޝް8 -200 މަރުކައިގެ 37 ގޮނޑީގެ 2 މަތިންދާ ބޯޓާއި ޑޭޝް8-300 މަރުކައިގެ 50 ގޮނޑީގެ 8 މަތިންދާ ބޯޓު ބޭނުން ކުރެއެވެ.

އެއަރލައިނުން މާމިނގިލި ފިޔަވާ ރާއްޖޭގެ ހުރިހާ އެއަރޕޯޓުތަކަށް ދަތުރު ކުރާއިރު ޗައިނާއަށާއި، ތައިލެންޑްގެ ވެރިރަށް ބެންކޮކަށާއި، އިންޑިއާގެ ޗެންނާއި، ކޮޗިން، ޑްރެވެންޑަރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ބޭރުގެ ދަތުރުތައް ކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި