"ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ދެވަނަ ބައްދަލުވުމުގައި ރާއްޖޭއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނާއި އްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހިރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މަސްވަރާ ކުރައްވައިފިއެވެ.
ބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ މި ބައްދަލުވުމުގައިރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު އެކަމުގައި ސަރުކާރުން ވިސްނުންގެންގުޅުއްވާ ގޮތް ބައްދަލުވުމުގެ ބައިވެރިންނަށް ޙިއްޞާކުރައްވާފައެވެ
ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ހުރި ބައެއް މާއްދާތަކާމެދު ޓާސްކްފޯހުގެ މެންބަރުންގެ ހިޔާޅުފާޅުކުރަވާފައިވަނީ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހިރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުންނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ފަތުރުވެރިން ރާއްޖެ އަންނައިރު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓުހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މައްދާތަކާއި ބެހޭ ގޮތުން މަސްވަރާ ކުރެވުނެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯހުގެ ބައިވެރިންގެ ޚިޔާލުފުޅުތަކާއެކު ބައެއް މާއްދާތަކަށް ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައެވެ
ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ. އެ 3 މަސައްކަތު ގުރޫޕަކީ، ވާރކިންގް ގްރޫޕް އޮން ފައިނޭންސް، ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ވާރކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!