ނ އަތޮޅު ހެނބަދޫގައި ގޯތިތެރޭގައި ބޮނބި ފާ ކުރުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ.

އެރަށު ކައުންސިލުން ނެރެފައިވާ ހާއްސަ އެންގުމެއްގައި ބުނެފައިވަނީ ހުޅަނގު މޫސުމަކީ ރަށުގައި މަދިރި އާލާވެ، މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެށްކަމަށްވާ ޑެންގޫ އާއި ޗިކަންގުންޔާ ފަދަ ބަލިތަށް ފެތުރޭ ދުވަސްވަރަކަށް ވާތީވެ އެކަން މަނާކުރީކަމަށެވެ.

Ad
rt

މީގެ އިތުރުން އެނޫސްބަޔާނުގައިވަނީ ބޮނބި ފާ ކުރުމަށްޓަކައި ގޯތިތެރޭގައި އެކި ފާޑުފާޑުގެ ހަންބުރިތަކަށް ފެން އަޅާ ބެހެއްޓުމަކީ ވެސް މަނާކަމެއްގެ ގޮތުގައިކަމަށާއި އަދި ބޮނބި ގޯތިތެރޭގައި ފާކޮށްފައި ހުރުމުގެ ސަބަބުން ޖެހިގެން ހުންނަ ގެއަށް ނުބައިވަސް ދޮވާކަމުގެ ސަކުވާ ކައުންސިލަށް ލިބެމުންދާކަމަށް ވެއެވެ.

މި މައްސަލަ ހައްލުކުރުމަށް ޓަކައި އެރަށު ކައުންސިލުން ވަނީ ތިން ސަރަހައްދެއް ބޮނބި ފާކުރުމަށް ކަނޑައަޅާފައެވެ. އެއެންގުމުގައި ވާގޮތުން ކަނޑައަޅާފައިވާ ތިން ސަރަހައްދަކީ އެރަށު ޖަންބުގެ އުތުރުން އޮންނަ މަގުގެ އުތުރުން ފެށިގެން ބުލްބުލްގެ އާއި ހަމައަށާއި އަދި ދެ ވަނަ ސަރަހައްދަކީ ކުނިކޮށީގެ ދެކުނު ފަރާތުގެ ސަރަހައްދު ކަމަށާއި ތިންވަނަ ސަރަހައްދަކީ އެރަށު މުރިނގު ދެކުނުން އޮންނަ މަގުގެ ދެކުނުން ފެށިގެން ވޮލީކޯޓާއި ހަމައަށް ކަމަށް އެންގުމުގައިވެއެވެ.

16 ޖޫން 2020 ން ފެށިގެން 10 ޖުލައި 2020ގެ ނިޔަލަށް ވެރިފަރާތް އެނގޭގޮތަށް ނަން ނުވަތަ ގޭގެ ނަމްބަރު ޖެހުމަށް އަދި ގޭތަކުގައި ހުރި ބޮނބިއަޅާ ހުރިހާތަކެތި މިހާރު އެރަށުކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި މަދިރި އާލާ ނުވާހެން މަތީގައި ސަތަރިފަދަ އެއްޗެއް އަޅާފައި ބެހެއްޓުމަށް ހެނބަދޫ ކައުންސިލުން އެދިފައިވެއެވެ.