މިއަހަރު އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާނު ކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ނަގަން ބޭނުންވާ ކެނޑިޑޭޓުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކުރަމް ވިދާޅުވީ ކެނޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ ފުރުޞަތު، ޤާނޫނު ނަމްބަރު 3/2020 ގެ ދަށުން ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ.
ޤާނޫނު ނަމްބަރު 3/2020 އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އެވެ. އެ ޤާނޫނަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޯވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް
އިޢުލާނުކޮށްފައިވާތީއާއި، އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.
އެ ޤާނޫނުގައި ބުނެފައި ވާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ. އަދި ކެންޑިޑޭޓަކު އަނބުރާ ނަން ނަގަން ބޭނުންވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތެއްގެ ތެރޭގައި އަނބުރާ ނަން ނެގުމަށް އެ ޤާނޫނުގައި ވަނީ މަގު ފަހިކޮށްދީފައެވެ.
އެ ޤާނޫނުގެ 3 ވަނަ މާއްދާ
3. (ހ) މި ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ.
(ށ). މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކެންޑިޑޭޓަކު އަނބުރާ ނަން ނަގަން ބޭނުންވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތެއްގެ ތެރޭގައި އަނބުރާ ނަން ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
އެ ޤާނޫނުގައި ބުނެފައިވާ ގޮތުން އެ ޤާނޫނު ދެމި އޮންނާނީ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާ ޙަވާލުވަންދެނެވެ. މިޤާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ 10 މެއި 2020 ގައެވެ.
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކުރާ މުއްދަތުގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައި، އިލެކްޝަން ކޮމިޝަނުން އެކަން ޢާންމުކޮށް އިޢުލާންކުރީ 13 އޭޕްރިލް 2020 ގައެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ކަނޑައެޅި އެ އިންތިޚާބު، ކޯވިޑް-19 އާއި ގުޅިގެން އީސީއިން ވަނީ އޭޕްރިލް 18 އަށް ފަސްކޮށްފައެވެ. އޭގެ ފަހުންވެސް އިންތިޚާބު ބޭއްވޭ ފަދަ މާހައުލެއް ނެތަތީ އީސީއިންވަނީ އިންތިޚާބު ފަސްކުރުމުގެ މައްސަލަ ކޯޓު މަރަހަލާއިން ހައްލު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އިންތިޚާބު ފަސްކުރުމުގެ ފަރުވާ ހޯދުމަށް ފުރަތަމަ އީސީއިން މައްސަލަ ވެއްދީ ހައިކޯޓަށެވެ. ފަހުން އެމައްސަލަ ހައިކޯޓުން ނަގައި ރާއްޖެގެ އެންމެ މަތީ ކޯޓު، ސްޕްރީން ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެމައްސަލައަށް މަޖިލިސް ތެރެއިން ހައްލު ހޯދައިދޭނެކަމަށް މަޖިލިސްއިން ބުނުމުން އެމައްސަލަ ސްޕްރީމް ކޯޓުން ނެގީއެވެ.
ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020، މަޖިލިސްއިން ފާސްކުރީ 29 އޭޕްރިލް 2020 ގައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން ހޮވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!