ނިއު ނޯމަލްގައި ސްކޫލްތަކުން ކިޔަވައިދޭނީ ހަފުތާއަކު 04 ދުވަހު، ދުވާލަކު 04 ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ .
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބުނުހާ އަވަހަކަށް ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަށްވަމުން އަންނަ ކަމަށެވެ.
އެ ސާކިއުލާގައި އެމިނިސްޓްރީން ބުނީ ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ކުރިން ކިޔަވައިދެމުންދިޔަ ގޮތާ ތަފާތުކޮށް ކަމަށާއި މިއީ ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް ގެންނަ ބަދަލެއް ކަމަށެވެ.
ކިޔެވުން ބަހާލާފައިވާ ގޮތް
- ކީ ސްޓޭޖް 1 (ގްރޭޑް 1، 2، 3) އަދި ކީ ސްޓޭޖް 2 (ގްރޭޑް 4، 5، 6): ހަފްތާއަކު 19 ޕީރިއަޑް، ހަފްތާއަކު ފަސް ޓެލިކިލާސް ސެޝަން
- ކީ ސްޓޭޖް 3 (ގްރޭޑް 7، 8): ހަފްތާއަކު 18 ޕީރިއަޑް
- ކީ ސްޓޭޖް 4 (ގްރޭޑް 9، 10): ކޮންމެ މާއްދާއަކަށް ވެސް ޖުމުލަ 180 ގަޑިއިރު ފުރިހަމަކުރަން ޖެހޭ، ހަފްތާއަކު ދެ ޓެލިކިލާސް ސެޝަން
- ކީ ސްޓޭޖް 5 (ގްރޭޑް 11، 12): ދެ އަހަރުގެ ތެރޭގައި ކޮންމެ މާއްދާއަކަށް ޖުމުލަ 230 ގަޑިއިރު ފުރިހަމަކުރަން ޖެހޭ، ހަފްތާއަކު ދެ ޓެލިކިލާސް ސެޝަން
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައިދޭން ޖެހޭއިރު ހުރިހާ ދަރިވަރުން ވެސް ޓެލިކިލާހާއި އޮންލައިން ކްލާސްތަކުގައި ބައިވެރިވާން ޖެހޭނެ އެވެ.
ނިއުނޯމަލްގައި ކިޔަވައިދޭއިރު ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހެނީ ހަފުތާއަކު ހަތަރު ދުވަހެވެ. ފަސް ވަނަ ދުވަހު ސްކޫލަށް ޓީޗަރުން ހާޒިރުވެ ކިޔަވައިދޭން ޖެހޭ އެއްޗެހި ތައްޔާރާ ދުވަސްގޮތުގައި އެޑިޔުކޭޝަނުން ވަނީ ހަމަޖައްސާފައެވެ.
މި ހަފްތާގެ ތެރޭގައި ފުރަބަންދުގެ ހާލަތަށް ބޮޑެތި ލުއިތަކެއް ގެނައުމަށް ވަނީ ސަރުކާރުން ނިންމަވާފައެވެ. އަދި ސްކޫލްތަކުގެ ކިޔެވުން އަންނަ މަހުގެ ތެރޭގައި ހުޅުވާލަންވެސް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް ސްކޫލްތައް ހުޅުވާލާނެ ސީދާ ވަކި ދުވަހެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް މާރިޗު 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. މި 03 މަހު ވަނީ ޓެލިކިލާސްތައް މެދުވެރިކޮށާއި އޮންލައިން ކިލާސްތައް ބާއްވައިގެން ކިޔަވައި ދިނުން ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!