މަތީގައިވާ ފޮޓޯއަކީ ކުޑައިރުގެ ހަނދާން ތަކާއި ކުޅެލި ފޮޓޯއެކެވެ.

ފެންނަން އެހުރީ ހަށިގަނޑަށް އެތައް ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. އެކުވެރިންނާއި އެކު ކުޅެ މަޖާކުރާއިރު އަހި ބޮޑަށް ފާހަގަ ކުރެވެނީ މަގުމަތި މޭވާއެއް ގޮތުގައެވެ. ރަހްމަތްތެރިން އެއްވެލާ ސަކަ އަނގަތަޅާ މޭވާއެއްގެ ގޮތުގައެވެ. އެންމެން ވަލުތެރެއަށް ވަދެ ދޮންވެފައި ހުރި އަހި ބިނދެގެން އަހި ފާކުރުމަކީ ގުރޫޕް މަސައްކަތެކެވެ.

Ad
rt

ގުރޫޕްގައި ހިމެނޭ އެންމެންނަކަށް އައްސެއް ވަކި މީރެއް ނުވެއެވެ. ބައެއް މީހުންނަށް މާ ކަމުދާ މޭވާއަކަށް ވިޔަސް އާންމުކޮން އަހި ކަނީ މީރުވެގެން ނޫނެއެވެ. ގުރޫޕް އެންމެން ހިންގާލާ ކަމެއް ވީމަ ބައިވެރިވުމުގެ ގޮތުންނެއެވެ. ގިނަ ފަހަރަށް އަހި މޮޑުމަށް ބޭނުންވާ އަހި ފާ ކުރުމުގެ މަސައްކަތުގެ ބައި ބައި ހުންނަނީ އެކި މީހުން އަމިއްލަ އަށް ހަވާލު ވާ ގޮތަށެއެވެ. މި ގޮތުން އެކަކު ރަސްމީކޮން ވަޅު ކޮންނާނިއެވެ. އަނެއް ބަޔަކު އަހި ބިނދެ ގަހުން ފަތް އުފުރާ ބޮނބި ހޯދުމުގައި ބިޒީވާނެއެވެ.

މި މަސައްކަތުގެ މޮޅުކަމަކީ ވަޅުކޮންނަ މީހާއަށް ވަޅު އޮޅުވާލަ ކުޅަދާނަ ރައްޓެހިން ތިބުމެއެވެ. އަހި ވަޅުލުމަށްފަހު ގާތްގަނޑަކަށް ދެދުވަސްތެރޭގައި ހެޔޮވަރު ވަރަކަށް ފާވާނެއެވެ.

ދެދުވަސް ފަހުން އެންމެން ގުރޫޕް ހަދާފައި އަހިވަޅު ކޮންނަން އަންނައިރު ވަޅުހުރިތާގައި ލަކުނުނެތް ދުވަސް އާދެއެވެ. ވަފާތެރި ކެހިވެރިޔާ މާބޮޑަށް އަހި މޮޑެލާހިތުން އަހިވަޅު އެކަނިމާ އެކަނި ކޮނެލީއެވެ.

ގުރޫޕް މަސައްކަތް އެއްކޮން އެހިސާބުން ފަނިވެ މާޔޫސްކޮށްލައެވެ. ކޮންމެވެސް އެހެން ބައެއްގެ ބޮލުގައި އަޅުވާފައި އަނެއްކާވެސް ގުރޫޕް ހަދާފައި އަހި ބިންނަން އެންމެން ވަލަށް ވަންނަނީއެވެ.

ވަޅުލައިގެން އަހި ފާކޮށް ހަދާއިރު އެގޮތަށް އަހިވަޅުން އަހިވަގަށް ނަގާތީވެ ދަޅުދަޅަށް އަޅައިގެންނާއި ހަނޑޫ ޑަބިޔަލަށް އަޅައިގެން ވެސް އަހިފާކޮށް އެންމެން އެއްކޮން ކައި ހަދަމެއެވެ. އަހިކައި ނިމުނީމަ ހާސްވެ ފިކުރުބޮޑުވަނީ އެންމެ ކަމަކަށެވެ. އަހިން ދޮވާ ތޫނު ވަސް ނުކެނޑިގެންނެއެވެ.

އަހި ކޭ އެންމެން އަތުން ވަސް ފިލުވަން އުޅެފިއްޔާ ގޭގައި ހުރި ފޭރުގަހުގެ ފަތްކޮޅެއް ނުހުންނާނެއެވެ. އެންމެން ވެގެން ގެއަށް ދިއުމުގެ ކުރިން އަތުޖެހުނު ފޭރުގަހުގެ ފަތުން އަހިވަސް ކަނޑުވާލަމެއެވެ.

އެހެންވީމަ މިހެން އަހި ފޮޓޯއެއް ފެނުނީމަ ރަހްމަތްތެރިންގެ މަތިން ހަނދާން ނުވާންވީ ސަބަބެއް ނެތެއެވެ.