ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަނެތި ޖަލްސާ ބޭއްވުމާއި މެދު މެމްބަރުން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
މިގޮތަށް ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ޢަބުދު ﷲ ރިޔާޟު ވަނީ ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަށް ޙާޟިރުވެވެން ނެތްކަމަށް މަޖިލިސްގައި ދަންނަވާފައި ވާކަމަށް ވިދާޅުވެފައެވެ.
ރިޔާޟު އިތުރަށް ވިދާޅުވީ މީގެކުރިން ހުއްދަ ހޯދައިގެން ރަށުން މާލެއައުމުން އޭނާގެ ސުލޫކީ މައްސަލަ މަޖިލިހުން ބަލާފަވާއިރު އެފަދަ ހުއްދައެއްނެތި މަޖިލިހަށް ދިޔަ މައްސަލަ މާދަމާ އެހެންތަނަކުން ބެލުން ވެސް އެކަށީގެންވާ ކަމަށެވެ.
ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެފައި ވަނީ މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވައި އެޗްޕީއޭގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް މަޖިލިސްކުރަާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ހުޝާމްވެސް ވަނީ މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތްއިރު މަޖްލިސް ޖަލްސާތައް ބޭއްވުމަށްޓަކައި މަޖިލިސްކުރާ ގެއަށް މެންބަރުންނަށް އެއްވެވޭނީ އެޗްޕީއޭ ގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ގާނޫނީ އަމުރުތަކަށް ތަބާވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މި ހާލަތުގައި އަމަލު ކުރަން ޖެހެނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެންގި ގޮތަކަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދަ ނެތް ކަމެއް ނުކުރެވޭނެ ކަމަށެވެ.
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާ ބޭއްވުން ވާނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި ގާނޫނީ ދައުލަތް ހިންގުން ހުއްޓުމަކަށް ހިނގާދާނެ ކަމެއް ކަމަށާއި މަޖިލީހުގެ މެންބަރުން ވެސް ގާނޫނަށް ތަބާވާން ޖެހޭނެ ކަމަށެވެ.
މެމްބަރުންގެ ކަންބޮޑުވުންތައް ފާޅުކުރަށްވާފައި ވަނިކޮށް ފުލުހުން ރޭ 3:28 ގައި ކުރެއްވި ޓުވީޓެއްގައި ވަނީ ޖަލްސާ އަށް ވަޑައިގެއްނެވުމަށް ހުއްދަދިނުމަށް މަޖިލީހުން އެދިލަށްވާފައިވާ މެމްބަރުއްނާއި އިދާރީ މުވައްޒަފުއްނަށް ފުލުހުން ހުއްދަ ދެމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބާއްވަވާނަމަ ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވާފައިވާ ކަންކަން ފުލުހުންވާނީ މަޖިލީހުގެ އިދާރާގައި ދައްނަވާފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ތަޅުމުގައި ބޭއްވުމަށް މަޖިލީހުގެ ރައީސް ފުރަތަމަ ނިންމަވާފައި ވަނީ އެޗްޕީއޭގެ ހުއްދަ ހޯދުމަކާއި ނުލައެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ރޭ ވިދާޅުވީ ފުރަބަންދުގެ ހާލަތާއި މެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ޖަލްސާތައް ނުބާއްވައި އިތުރަށް މަޑުކުރަން އުނދަގޫ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވައިފި ކަމަށެވެ.
ޖަލްސާ ތަޅުމުގައި ބާއްވަން ނިންމައި، މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލިސް ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމުތައްވެސް ހާމަ ކޮށްފައެވެ. މިގޮތުން މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، އެ މެމްބަރުން ތިއްބަވާނީ އެޗްޕީއޭއިން އަންގަވާފައިވާ ދުރުމިނުގައި ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އަދި މަޖިލިސް މެމްބަރުންނާއި، މުވައްޒަފުން މާސްކު އަޅައިގެން ތިބޭ ގޮތަށް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!